ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ބާސެލޯނާ އާއި އާރްބީ ލެއިޕްޒީގް ދަތުރުކޮށްފި އެވެ.

ބާސާ ގަދަ 16 އިން ޖާގަ ހޯދީ ރޭ އަމިއްލަ ދަނޑުގައި ބޮރޫޝިއާ ޑޯޓްމުންޑް އަތުން 3-1 އިން މޮޅުވެ ގްރޫޕް އެފްގެ އެއްވަނަ ހޯދައިގެންނެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗަކީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އެ ޓީމަށް ކުޅެދިން 700 ވަނަ މެޗެވެ. މި މެޗުގައި މެސީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. އެގޮތުން 29 ވަނަ މިނެޓުގައި މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ބާސާއަށް ލީޑު ނަގައިދިނީ ލުއިސް ސުއަރޭޒްއެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ސުއަރޭޒް ދިން ބޯޅައަކުން މެސީ ވަނީ ބާސާއަށް ލީޑު ފުޅާކޮށްދީފައެވެ.

ބާސާގެ ތިންވަނަ ގޯލް ޖެހީ، އޮސްމާނޭ ޑެމްބެލޭއަށް އަނިޔާވުމާއި ގުޅިގެން، އޭނާގެ ބަދަލުގައި ކުޅެންއެރި އެންޓޮއިން ގްރީޒްމަން އެވެ. ގްރީޒްމަން މި ގޯލް ޖެހީ މެޗުގެ 67 ވަނަ މިނެޓުގައި މެސީ ދިން ޕާހަކުންނެވެ. މެޗުގައި ޑޯޓްމުންޑުން ޖެހި ހަމައެކަނި ގޯލް 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޖޭޑަން ސަންޗޯ އެވެ.

މި މޮޅާއެކު ގްރޫޕް އެފްގެ އެއްވަނަ ބާސާ ކަށަވަރުވީ ކުޅުނު 5 މެޗުން 11 ޕޮއިންޓާއެކު އެވެ. މި ގްރޫޕްގައި ރޭ އިންޓަ މިލާނުން ވަނީ ސްލާވިއާ ޕްރާހާ 3-1 އިން ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އިންޓަ އާއި ޑޯޓްމުންޑަށްވެސް 7 ޕޮއިންޓު ލިބިފައިވާއިރު، އިންޓައަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.

ބެންފީކާ އާއި ލެއިޕްޒީގް ބައްދަލުކުރި މެޗުގެ ތެރެއިން ----

ޗެމްޕިއަންސް ލީގުގައި ގްރޫޕް ޖީގައި ހިމެނޭ ލެއިޕްޒީގް ގަދަ 16 އަށް ދަތުރުކުރީ ރޭ ކުޅުނު މެޗުން ބެންފީކާއާ 2-2 އިން އެއްވަރުކޮށްގެންނެވެ.

ބެންފީކާގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ދެ ގޯލުގެ ލީޑެއް ނެގީ އެޓީމުންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި ޕިއްޒީ ބެންފީކާއަށް ލީޑު ނަގައިދިންއިރު، 59 ވަނަ މިނެޓުގައި ވިނީޝިއަސް ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

އޭގެ ފަހުން ލެއިޕްޒީގްގެ ފަރާތުން މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުން ނަތީޖާ އެއްވަރުކޮށްފައިވަނީ އިތުރު ވަގުތުގައެވެ. އެގޮތުން 90 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެމިލް ފޯސްބާގް އެޓީމަށް ފަރަގު ކުޑަކޮށްދިންއިރު، އޭގެ ހަ މިނެޓު ފަހުން ފޯސްބާގް ވަނީ އިތުރު ގޯލެއް ޖަހާ ގަދަ 16 ގެ ޖާގައެއް ލެއިޕްޒީގަށް ކަށަވަރުކޮށްދީފައެވެ.

ރޭގެ ނަތީޖާއާއެކު ގްރޫޕް ޖީގެ އެއްވަނައިގައި އޮތް ލެއިޕްޒީގަށް ވަނީ 5 މެޗުން 10 ޕޮއިންޓު ލިބިފައެވެ. ތާވަލުގެ ދެވަނައިގައި އޮތް ޒެނިތު އާއި ތިންވަނައިގައި އޮތް ލިޔޯންއަށްވެސް 7 ޕޮއިންޓު ލިބިފައިވާއިރު، ޒެނިތަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ލިވަޕޫލް އާއި ނާޕޮލީ ބައްދަލުކުރި މެޗުގެ ތެރެއިން ----

މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގައި ހިމެނޭ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ރޭ ކުޅުނު މެޗުން ނާޕޮލީއާ 1-1 އިން އެއްވަރުވެ، ގަދަ 16 އަށް ކޮލިފައިވުމަށް އިތުރު އިންތިޒާރެއް ކުރަން ވަނީ ޖެހިފައެވެ.

ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ ނާޕޮލީންނެވެ. 21 ވަނަ މިނެޓިގައި މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޑްރިއެސް މާޓެންސް އެވެ. އެކަމަކު ދެވަނަ ހާފުގައި ލިވަޕޫލުން ވަނީ ކުޅުން ރަނގަޅުކޮށް ނާޕޮލީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން މި މެޗުގައި ލިވަޕޫލުން ނަތީޖާ އެއްވަރުކުރީ 65 ވަނަ މިނެޓުގައެވެ. ޖޭމްސް މިލްނާ ނަގައިދިން ކޯނަރަކުން މި ގޯލް ޖެހީ ޑިފެންޑަރު ޑޭޖާން ލޮވްރެން އެވެ.

މި ނަތީޖާއާއެކު ގްރޫޕް އީގެ އެއްވަނައިގައި އޮތް ލިވަޕޫލަށް 5 މެޗުން 10 ޕޮއިންޓު ލިބޭއިރު، ދެވަނައިގައި އޮތް ނާޕޮލީއަށް 5 މެޗުން ލިބިފައިވަނީ 9 ޕޮއިންޓެވެ. ތިންވަނައިގައި 7 ޕޮއިންޓާއެކު އޮތް ސާލްޒްބާގް ރޭ ވަނީ ގެންކް އަތުން 4-1 އިން މޮޅުވެފައެވެ.

މީގެ އިތުރަށް ގްރޫޕް އެޗްގެ ދެ މެޗުވެސް ރޭ ކުޅުނުއިރު، މި ގްރޫޕުންވެސް މިހާތަނަށް ޓީމެއް ގަދަ 16 އަށް ދަތުރުކޮށްފައެއް ނުވެއެވެ. މި ގްރޫޕްގައި ހިމެނޭ ވެލެންސިއާ އާއި ޗެލްސީ ރޭ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، އަޔަކްސް ވަނީ ރޭ ލިލް އަތުން 2-0 އިން މޮޅުވެފައެވެ.

ރޭގެ މެޗުތަކަށްފަހު، ބާސާ އާއި ލެއިޕްޒީގް ގަދަ 16 އަށް ދަތުކުރިއިރު، މިހާތަނަށް 8 ޓީމެއް ވަނީ ގަދަ 16 އިން ޖާގަ ހޯދާފައެވެ.