• 60،000 ރުފިޔާ މަހަކު ލިބޭނަމަ ސުން ޕަސެންޓް ޓެކްސް
  • ސުން ޕަސެންޓް ވިޔަސް އާމްދަނީ ހާމަކުރަން ޖެހޭނެ
  • މިހާރު ހުރީ ބޮޑެތި އަދަދުތައް. ކިހިނެއްވަނީ؟
  • ފުރުދުންގެ އާމްދަނީން ޓެކްސް ނަގާނީ އަންނަ އޭޕްރީލް ހާތަނުގައި

މި ކުޑަ ޖަޒީރާ ދިވެހި ރާއްޖޭގައި "ތަނަވަސްކަން" އޮތް މިންވަރު ހަގީގަތުގައި އަންދާޒާ ކޮށްލުމަކީ އެހައި އުނދަގޫ ކަމެއްނޫނެވެ. އެހެންނަމެސް، ދިވެހި ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި އޮތްމިންވަރާއި ކޮރަޕްޝަން އޮތްމިންވަރު އަދި އެކިއެކި ނާޖާއިޒް މަގުތަކުން ހޯދާ ފައިސާ ނުވަތަ "މާލީ ކަޅު ބާޒާރު" އެއީ ކިތައް ބިލިއަން ރުފިޔާކަން ދިރާސީ ކަރުދާހަކުން ފެންނާން ނެތްކަމުގައި ވިޔަސް، މުޅި ގައުމުގެ އެންމެނަށް އެނގޭ ބޮޑު ސިއްރަކީ "އެވެނި މީހާ އެއީ މިވެނި ކަމެއްކޮށް، އެވެނި ގޮތަކަށް ފައިސާ ލިބޭ މީހެއް"ކަން ކަށަވަރު ކަމާއިއެކު "ތުންތުންމަތީން" ބުނެލައި، ސައިހޮޓާ އަދި ކޮފީ މޭޒުތަކުގުއި ހާމަވެ ބޭޒާރުވާކަމެވެ. ބޭޒާރުވުމުގެ ބަދަލުގައި މިއަދުގެ ދިވެހި މުޖުތަމަޢުގައި އަދިވެސް އެއީ މޮޅު، ގަދަ، ސަޅިކަމެއް ކަމުގައި ނުދެކެވުނަސް، ލޯމަރާލައި ހުރެ އެފަދަ މާލީ ކަޅު ބާޒާރުތަކުގެ ފައިދާ ހޯދާ މީހުން މަދެއްނޫނެވެ.

ވާށާޖެހޭ ޓެކުހުގެ ނިޒާމެއް ފުރިހަމަ ވުމާއިއެކު ދިވެހި ރާއްޖޭގައިވެސް ނުހައްގު މުއްސަނދިކަން ނުވަތަ "އަންއެކައުންޓެޑް މަނީ" އެއްވެސް ފަރުދެއްގެ އަތުގައި ހުރެގެން ނުވާނެއެވެ. އެއީ އެމީހެއްގެ ޒާތީ ބެލުމުގެ ދަށުގައި "ކޭޝް"ގެ ގޮތުގައި ކަމަށްވިޔަސް އަދި އެއްވެސް އެކައުންޓެއްގައި ކަމަށްވިޔަސްމެއެވެ.

ކޯލީޝަން ސަރުކާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު، އިންކަމް ޓެކްސްގެ ބިލް ތަސްދީގުކުރައްވާ ދުވަސް ވާނީ މިސަރުކާރުން ދިވެހި ޤައުމަށް ކޮށްދޭ އެންމެ ހެޔޮކަން ކޮށްދެއްވާ ދުވަސްކަމުގައެވެ. ދިވެހި ރާއްޖޭގައި ބޮޑުވެފައި މިއޮތް ބޮޑު، ބިޔަ ކޮރަޕްޝަނާއި ފަސާދާއިގެ ފައިސާ ދައުރުކުރުވާ މުޅި ނިޒާމު ހުއްޓުވުމުކަށް ގެނައުމަށް އެޅޭ ބިންގާކަމުގައެވެ. ދިވެހި ހުނަރުވެރި، ކިޔަވައިގެން ބުރަމަސައްކަތާއިއެކު ހަލާލު ތާހިރުދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމުގެ އައު ޒަމާނެއްގެ ފެށުންކަމުގައެވެ.

ކުރިިިިިން ބަޔާންކުރިކަހަލަ "މާލީ ކަޅު ބާޒާރު"ގެ ދިރާސާއެއް ކުރީގައި ރަސްމީކޮށް ހެދިފައި ނެތްނަމަވެސް، އިންޑިއާގެ "ދި އިކޮނޮމިކް ޓައިމްސް" ވެބްސައިޓުގައި މިއަހަރުގެ މެއި މަހުގެ ފަހުކޮޅުގައި ޝާޢިއުކޮށްފައިވާ އާޓިކަލްގެ ހެޑްލައިންގައި "އިންޑިއާ ޓު އެޕޮއިންޓް އެކްސްޕާރޓްސް ޓު މޯލްޑިވްސް ޓު ވާރކް އޮން ފައިނޭންޝަލް ކްރައިމްސް، މަނީ ލޯންޑަރިންގ" އޮތްތަންދުށީމެވެ. އަދި އެޕޮއިންޓް ކުރާ މި އޮފިސަރުންގެ ދައުރަކީ، "އިންޓަޕޯލް، ލަންޑަން މެޓްރޯޕޮލިޓަން ޕޮލިސް އަދި އެފް.ބީ.އައި ފަދަ އިދާރާތަކުން އޮޕަރޭޝަންލް ސަޕޯޓަށް އެކްސަސް ވެވޭނެ މަގުތައް ފަހިކޮށްދިނުމަށް" ފަންނީ އެހީތެރިކަން ދިނުންކަމުގައިވެސް ބުނެފައިވެއެވެ. މާލީ ވައްކަމާއި ކަޅުފައިސާ ދޮވުމުގެ ބޮޑެތި އުނދަގޫ މައްސަލަތައް ތަފްޞީލީގޮތެއްގައި ތަހުޤީޤު ކުރުމުގައި ލިންކް ތަކާއި ކަނެކްޝަންތައް ދެނެގަނެ އަދި އެހެނިހެން ޓޫލްސް ބޭނުންކޮށްގެން މައްސަލައިގެ އެންމެ އަޑިއާއި ހިސާބަށް ފީނުން މި އޮފިސަރުންގެ މަސައްކަތުގެ ދާއިރާގެތެރޭގައި ހިމެނޭކަމަށް، ނިއުދިއްލީގެ އޮފިޝަލުންނާއި ހަވާލާދީ، ދި އިކޮނޮމިކް ޓައިމްސްގެ އެ އާޓިކަލްގައި ވެއެވެ.

އިންކަމް ޓެކުހުގެ ބިލް މިހާރު އޮތީ މަޖިލީހުން ފާސްކުރުމުގެ އެންމެ ފަހު މަރުހަލާގައެވެ. އެމްޑީޕީގެ އެޖެންޑާ19 ގައި ބަޔާންކޮށްފައިވާ ފަރުދުންގެ އާމްދަނީން ޓެކްސް ނަގާނީ ފަރުދެއްގެ އަހަރީ އާމްދަނީ 720،000 ރުފިޔާއަށް ވުރެ އިތުރުވާނަމައެވެ. އެއީ 12 އިން ގެއްލީމައި މަހަކަށް 60،000 ރުފިޔާގެ އާމްދަނީ ލިބޭ ފަރުދެއްނަމަ، 0 ޕަސެންޓު ނުވަތަ ޓެކްސް ދައްކަން ނުޖެހޭ ގޮތަށެވެ. އެހެންނަމަވެސް ކޮންމެ ފަރުދަކުވެސް ދެން (ބިލް ތަސްދީގުވެ ޤާނޫނަކަށްވެ އަމަލު ކުރަން ފެށުމުން) އާމްދަނީ ލިބޭ މިންވަރާއި އަދި އާމްދަނީ ލިބޭ މަގުތައް ބަޔާންކޮށްދޭން ލާޒިމްވާނެއެވެ.

މިލިއަން ޑޮލަރުގެ ބޮޑު ސުވާލަކީ، މިހާރު ފަރުދުންގެ އަތުގައި ހުރި ފައިސާ (ކޭޝް ވިޔަސް އަދި އެކައުންޓެއްގަ ވިޔަސް) ހާމަކުރަން ޖެހުމުން، އެއްކަލަ "ކަޅު" ފައިސާ ހުރި މީހުން ހަދާނީ ކިހިނެއްތޯއެވެ.

މިކަމުގައި އަމަލުކުރެވޭނެ އެއްގޮތަކީ، އިންކަމް ޓެކްސްގެ ޤާނޫނު ތަންފީޒުކުރަން ފެށުމާއިއެކު ފައިސާ ހޯދި މަގު ސާބިތުނުކޮށްދެވޭ ހުރިހާ ފައިސާއެއްގެ އެންމެ މަދުވެގެން %50 ދައުލަތަށް ނެގުމެވެ. އެހެންނަމަވެސް މިއީ މިކަން އޮންނާންވާނެ އެންމެ ރަނަގަޅު ގޮތްކަމުގައި ނުދެކޭ މީހުން ގިނަވުމަކީ އެކަށީގެންވާކަމެކެވެ.