ފަރުދުންގެ އާމްދަނީން ނަގާ ޓެކްސް، ބިލް ތަސްދީގުކުރާތާ ތިންމަސްފަހުން ނެގުމަށް ކަނޑައަޅާ، އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލު އިސްލާހުކޮށްފި އެވެ.

ސަރުކާރުން ހުށަހެޅި ބިލްގައި ބުނެފައިވަނީ ބިލަށް އަމަލު ކުރަން ފަށާނީ ބިލު ފާސްވެ، ތަސްދީގު ކުރާ ތާރީހުން ފެށިގެން ކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން ކަމަށެވެ.

މުޅި މަޖިލީހުގެ ކޮމިޓީން މި ބިލް ފާސްކުރި އިރު، އެ ގާނޫނުގައި ބަޔާން ކުރާ އެހެން ޓެކްސްތައް މިހާރެކޭ ވެސް އެއްގޮތަށް ނަގަމުން ދިޔުމަށް ވަނީ އިސްލާހުގައި ހިމަނާފައެވެ.

ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމުގެ ބިލުގެ 78 ވަނަ މައްދާއަށް ކޮމެޓީން ގެނައި އިސްލާހުގައިވަނީ ފަރުދުންގެ އާމްދަނީން ނަގާ ޓެކްސް ނަގަން ފަށާނީ ބިލު ފާސްވެ ތަސްދީގު ކުރާތާ 90 ދުވަހުން ފެށިގެން ކަމަށެވެ.

މިއީ ފަރުދުންގެ އާމްދަނީން ނަގާ ޓެކުހަކީ ރާއްޖޭގައި އަލަށް ނަގަން ފަށާ ޓެކުހަކަށް ވާތީ ޓެކްސް ނަގަން ފެށުމުގެ ކުރިން ރައްޔިތުންނަށް ތައްޔާރުވުމަށް ވަގުތު ދިނުމުގެ ގޮތުން ގެނައި އިސްލާހެއްކަމަށް މަޖިލީހުގެ ކޮމިޓީގައި މެންބަރުން ވިދާޅުވިއެވެ.

ފަރުދުންގެ އާމްދަނީން ނަގާ ޓެކްސްގެ ބިލުގައި ކުރިން އޮތްގޮތުން އިންކަމް ޓެކްސް ދައްކަން ޖެހޭނީ މަހެއްގެ މައްޗަށް އާމްދަނީ 40،000ރ. އަށް ވުރެ އިތުރުވާ ބައިންނެވެ.

ބިލަށް ގެނައި އިސްލާހާއެކު އިންކަމް ޓެކްސް ނަގާ އާމްދަނީގެ އެންމެ ދަށް ސީލިންގެ ގޮތުގައި ކަނޑައަޅާފައިވަނީ 60،000ރ. ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލިހުގެ މުޅި ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މުޅި މަޖިލިސް ކޮމިޓީން ވަނީ ޓެކްސް ނެގުމަށް ކަނޑައަޅާފައިވާ ބްރެކެޓުތައް މަތިކޮށް އަދި ޓެކްސް ނަގާ ޕަސެންޓް ވެސް ކުޑަކޮށްފަ އެވެ.