އަސްލަމް އަބްދުލްރަހީމްގެ ބަދަލުގައި ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރުގެ މަގާމަށް ކުރިންވެސް އެ މަގާމު އަދާކުރި ހަސަން ހަމީދު (ޑަކޭ) ހަމަޖައްސައިފި އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރުގެ މަގާމަށް ޑަކޭ ހަމަޖެއްސީ، އެ މަގާމުގައި ހުރި އަސްލަމް، ރާއްޖޭގެ ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އިރުޝާދުދެމުން އަންނަ ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގައި ވާދަކުރާ ސައިފް ސްޕޯޓިން ކްލަބަށް ބަދަލުވަން ނިންމުމާއި ގުޅިގެންނެވެ.

ވީސްޕޯޓްސްއަށް މައުލޫމާތުދެމުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އޮފިޝަލަކު ބުނީ އަސްލަމްގެ ބަދަލުގައި އެ މަގާމަށް ޑަކޭ ހަމަޖެއްސުމާއި ގުޅިގެން، ނޭޕާލްގައި އަންނަ މަހު ފަށާ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރުމަށް 23 އަހަރުން ދަށުގެ ޓީމާއެކު ނޭޕާލަށް ގޮސްފައިވަނީ ޑަކޭ ކަމަށެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރަކަށް މީގެ ކުރިންވެސް ޑަކޭ މަސައްކަތް ކުރިއިރު، މިހާރުގެ ގައުމީ ޓީމުގެ އެއް ނަންބަރު ގޯލްކީޕަރު މުހައްމަދު ފައިސަލް މީގެ ކުރިން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގައި ތަމްރީނު ހަދާފައިވަނީ ޑަކޭގެ އިރުޝާދުގެ ދަށުންނެވެ.

ތަޖުރިބާކާރު ގޯލްކީޕަރު ޓްރެއިނަރު އަސްލަމް ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބަށް ބަދަލުވަން ނިންމިއިރު، ގައުމީ ޓީމުގެ އިތުރުން އޭނާ ވަނީ ރާއްޖޭގެ ގިނަ ކްލަބުތަކެއްގެ ގޯލްކީޕަރު ޓްރެއިނަރެއްގެ މަގާމު އަދާކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ކްލަބު އީގަލްސްގައި ކުރި މަސައްކަތެވެ.

އަދި މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އަސްލަމް އެފްއޭއެމްއާ ގުޅިފައިވަނީ އެފްއޭއެމުން ފަށާ ގޯލްކީޕަރު އެކެޑަމީ ހިންގުމަށްޓަކައެވެ. ގޯލްކީޕަރުން ތަމްރީނުކުރަން މަސައްކަތް މީގެ 13 ވަރަކަށް އަހަރު ކުރިން ކުރުމަށްފަހު، މި އަހަރު ވަނީ އަސްލަމްގެ އިސްނެގުމާއެކު ގޯލްކީޕަރު ޓްރެއިނިން ކޯހެއްވެސް ބާއްވާފަ އެވެ.