ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މަގާމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ތާއީދުކޮށްފިއެވެ.

މިގޮތަށް ކޮމެޓީން ތާއީދު ކޮށްފައި ވަނީ މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ފަނޑިޔާރު އަބްދުލްޣަނީއާ ގުޅޭ ގޮތުން ޖޭއެސްސީ އަށް ހުށަހެޅި މައްސަލަތައް ބެލުމަށްފަހު އެ ކޮމިޝަނުން މިދިޔަ ބުދަ ދުވަހު ވަނީ އޭނާ 60 ދުވަހަށް ސަސްޕެންޑް ކުރުމަށްފަހު، މަގާމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވާފައެވެ.

އެ ރިޕޯޓު މަޖިލީހުން ބުދަދުވަހު ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައިވާއިރު، ރިޕޯޓާ ގުޅިގެން ބުރާސްފަތިދުވަހު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގަ މުގައްރިރުކަން ކުރެއްވި ނައިބު މުގައްރިރު، ފޮނަދޫ ދާއިރާ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ، ކޮމިޓީން ބެލި ބެލިބެލުމުން ފަނޑިޔާރު އަބްދުލްޣަނީ ވަކިކުރުމަށް ޖޭއޭސްސީން ފޮނުވާފައިވާ ރިޕޯޓުގައި އިޖުރާއަތްތައް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

އެގޮތުން ތަހުގީގަށް ހާޒިރުވެ، ތަހުގީގުގެ ސުވާލުތަކަށް ޖަވާބުދާރީވެ، ތަހުގީގު ރިޕޯޓަށްވެސް ފަނޑިޔާރު ޣަނީ ޖަވާބުދާރީވެފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މި ރިޕޯޓުގައި އިޖުރާއަތްތައް ފުރިހަމަކޮށްފައިވާތީ، އެ ރިޕޯޓު ތަޅުމަށް ފޮނުވުމަށް ހުށަހެޅުއްވީ ކަނޑިތީމު ދާއިރާ މެމްބަރު އަބްދުލް ޝަހީމް އަބްދުލް ހަކީމް އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހެންވޭރު އުތުރު ދާއިރާ މެމްބަރު އިބްރާޙިމް މުއިއްޒު އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ޖުޑިޝަރީ ކޮމިޓީން ހަމައެކަނި ބަލާނީ ފަނޑިޔާރު ޣަނީ ވަކިކުރަން ނިންމި ނިންމުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތައް ފުރިހަމަކޮށްފައިވޭތޯ އެވެ.

ޖޭއެސްސީން ފަނޑިޔާރު އަބްދުލްޣަނީ ވަކިކުރަމަށް ނިންމީ، ސުޕްރީމް ކޯޓުގައި ގާނޫނާ ހިލާފަށް ނިންމި މައްސަލަތަކާ ގުޅިގެން އެކޮމިޝަނުން ބަލަމުންދިޔަ އޭނާގެ ސުލޫކީ މައްސަލަތަކާ ގުޅިގެންނެވެ. ޖޭއެސްސީ އިން މީގެ ކުރިން ހާމަކުރި ގޮތުގައި އޭނާގެ ތިން މައްސަލައެއް އެ ކޮމިޝަނުން ބެލިއެވެ.

ފަނޑިޔާރު އަބްދުލްޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ޖޫން 28 ގަ އެވެ.

ރައްޔިތުންގެ މަޖިލީހުން މީގެ ކުރިން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުން ދުރުކޮށްފަ އެވެ. އެގޮތުން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ މަގާމުން ވަކިކޮށްފައެވެ. ދާދިފަހުން ފަނޑިޔާރު އަބްދުﷲ އަރީފް ވަނީ ރިޓަޔަ ކުރައްވައިފައެވެ.