ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަތީ ތައުލީމާއި، ތަމްރީނުގެ ފުރުސަތު ފޯރުކޮށްދިނުމަށް، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކެޝަންގެ ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގައި ބައިވެރިވެއްޖެ އެވެ.

މިއަދު މިކަމަށް ބެއްވި ޚާއްސަ ރަސްމިއްޔާތުގައި ބެންކް އޮފް މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީސޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޮޔަރއެވެ. ހަޔަރަ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއެވެ.

ބީއެމްއެލްއިން ބުނީ މި ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގެ ދަށުން ބީއެމްއެލްގެ މުވައްޒަފުންނަށް ރާއްޖެއިން ބެރުން މަތީ ތައުލީމު ހަސިލްކުރުމުގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީސޯ ޓިމް ސޮޔަރ ވިދާޅުވީ ބީއެމްއެލްއިން އެ ބޭންކުގެ މުވައްޒަފުންނަށް އުނގެނުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރަމުންގެންދާ ކަމަށެވެ. އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާ ގުޅިގެން މިކުރާ މަސައްކަތަކީވެސް ބީއެމްއެލްގެ މުވައްޒަފުންގެ ކުރިއެރުމަށް ކުރާ މަސައްކަތެއް ކަމަށް ޓިމް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ.

ބީއެމްއެލް އިން ވަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލައި ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތައް އެކުލަވާލައިފައެވެ. ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަގަޅު މުވައްޒަފުންގެ ޝަރަފުގައި އަދި އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އެކި ހަރަކާތްތައް ބާއްވައެވެ.