މަޖިލީހުގެ ކޮމިޓީގައި ހެއްދެވި ބޮޑު ދޮގަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް، މާފަށް އެދެންޖެހޭކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަލީހު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެއްވެސް މަގާމެއް ދިފާއު ކުރުމަށް ދޮގުހަދާ އެެހެން މީހުންގެ އަބުރު ކަތިނުލާންވީ އެފަދަ ކަންކަމުން ލިބޭނެ ރަނގަޅު އެއްވެސް ނަތީޖާއެއް ނޯންނާނެތީ ކަމަށެވެ.

މަލީހް ވިދާޅުވީ ކުރީގެ ޕީޖީ ބިޝާމް މަގާމުގެ ނުފޫޒުގައި ތާށިވެ، މަޖިލީހުގެ ކޮމިޓީގައި އިންނަވާ ހެއްދެވި ބޮޑު ދޮގަށް އެމަނިކުފާނުގެ އަރިހުން މައާފަށް އެދެން ޖެހޭނެ ކަމަށެވެ.

މިނިސްޓަރު މަލީހު މިހެން ވިދާޅުވެފައިމިވަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ޕީޖީ ބިޝާމް ހާޒިރު ކުރުމުން މި ބޮޑު ހިޔާނާތުގައި މަލީހު ބައިވެރިވި ކަމަށް މަޖިލީހުގައި ވިދާޅުވުމުންނެވެ.

ބިޝާމް މިހެން ވިދާޅުވިމާއި ގުޅިގެން މަލީހް ވަނީ ބިޝާމަށް އަބުރުގެ ދައުވާ ކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީގެ 3.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން ކޮމިއުނިކޭޝަން މިނިސްޓަރު މަލީހަށް ބިޝާމް ކުރެއްވި ތުހުމަތުތަކުގެ ތަފްސީލު ފޮނުއްވައިދެއްވުމަށް އެދި މަލީހު ވަނީ ބިޝާމަށް ސިޓީއެއްވެސް ފޮނުވާފައެވެ.

ސިޓީގައި އެނާ އެދިވަޑައިގެންފައިވަނީ، އެފަދަ ވާހަކައެއް ދެއްކި ނަމަ ނުވަތަ ނުދައްކާ ނަމަ އެކަން އަންގަވައި ދެއްވުމަށެވެ. އަދި އެފަދަ ވާހަކައެއް ދެއްކި ނަމަ އެ ވާހަކައިގެ ތާފްސީލު ފޮނުވައިދެއްވުމަށް ވެސް މަލީހު ވަނީ ސިޓީގައި ދައްނަވާފަ އެވެ.

ސިޓީގައި އޭނާ ވިދާޅުވީ، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅިގެން މިހާތަނަށް އެއްވެސް ތުހުމަތު ކުރެވިފައި ނުވާ ކަމަށާއި އަދި އެކަމާ ގުޅިގެން އެއްވެސް އިދާރާއަށްވެސް ހާޒިރުކޮށްފައިނުވާ ކަމަށެވެ.

ދައުލަތަށް އިހްލާސްތެރި މަސައްކަތްތަކެއް ފާއިތުވި 19 ވަރަކަށް އަހަރު އެކި ހައިސިއްޔަތުން ކޮށްދެއްވާފައިވާކަން މަލީހގެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ. އެެހެންކަމުން ޕްރޮސެކިއުޓާ ޖެނެރަލްގެ ހައިސިއްޔަތުން އެފަދަ ވާހަކައެއްް އެކަމަނާ ވިދާޅުވެފައި ވާނަމަ އެކަމެއް އެއްވެސް ވަރަކަށް ސިއްރުކޮށްފައި ބާއްވަން ނޭދޭކަމަށާއި، އެކަމުގެ އެންމެހާ ތަފްސީލް ދިވެހި ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް މިނިސްޓަރު މަލީހް ފޮނުއްވި ސިޓީގައި ވެއެވެ.

މަލީހު ވަނީ އެމްއެމްޕީއާރުސީގެ ލިޔެކިތުންތަކުގައި އޭނާގެ މައުލޫމާތެއް ނުވަތަ އެކަމާ ގުޅިގެން އޭނާގެ މައްޗަށް އެއްވެސް ތުހުމަތެއް ކުރެވޭނަމަ، ލަސްވެގެން ތިން ދުވަސް ތެރޭ އެކަން މީޑިއާތަކަށާއި އެނާއަށް އަންގަވައި ދެއްވުމަށް ސިޓީގައި ދަންނަވާފަ އެވެ.