ނ. މާފަރުގައި ތަރައްގީކޮށްފައިވާ އިންޓަނޭޝަނަލް އެއާޕޯޓަށް މޯލްޑިވިއަން އިން ކުރާ ދަތުރުތަކުގައި ކޮޅަކަށް 750 ރުފިޔާ ނަގަން އެ އެއާލައިނުން ނިންމައިފި އެެވެ.

މޯލްޑިވިއަން އިން ބުނީ އަންނަ މަހުގެ އެކަކުން ފެށިގެން މާފަރު އެއާޕޯޓަށް ދަތުރު ފަށަން އެ އެއާލައިނުން ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ކޮޅަކަށް 750 ރުފިޔާ ނެގުމަށް ނިންމާފައިވާކަމަށެވެ.

މާފަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓު ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުއެވެ.

މާފަރު އެއާޕޯޓަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ޓެސްޓް ފްލައިޓުތައް ޖެއްސާފައިވާއިރު، އޭގެ ފަހުން، އެކި ފަހަރު މަތިން އެއާޕޯޓުގެ މަސައްކަތް ކުރުމަށް ކަނޑައެޅި މުއްދަތު އިތުރު ކޮށްފައިވެ އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމާ އެކު އިންޓަނޭޝަނަލް ދަތުރުތައް ވެސް އެ އެއާޕޯޓަށް ފަށާނެ އެވެ. މިއީ އޭ320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ވެސް ޖެއްސޭ ފެންވަރުގެ އެއާޕޯޓެވެ.

މިއެއާޕޯޓަކީ އަބޫދާބީ ފަންޑުގެ އެހީގައި ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.