އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތު އޭޝިއާ (އިފްސާ) ރާއްޖޭގައި ބާއްވައިފިއެވެ.

އިފްސާއަކީ ދެކުނު އޭޝިއާގެ ގައުމުތަކުގައި އިސްލާމިކް ފައިނޭންސް ކުރިއެރުވުމުށްޓަކައި ބާއްވަމުން އަންނަ ފޯރަމެކެވެ.

2016 ވަނަ އަަހަރުން ފެށިގެން މިފޯރަމް ބާއްވަމުން އައިސްފައިވާއިރު މިއަހަރުގެ ފޯރަމްގައިވެސް އެކި ގައުމުތަކުން ގިނަ އަދަދެއްގެ ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

މިއަހަރުގެ ފޯރަމް ޝަރަފުވެރި ކޮށްދެއްވާފައިވަނީ ސްރީލަންކާގެ އަމާނާ ބޭންކުގެ ޗެއަރމަން އޯސްމާން ކާސިމްއެވެ.

މިއަހަރުގެ ފޯރަމްގެ ތީމަކީ "ސަސްޓެއިނިންގ ދަ އައި.ބީ.އެފް އިންޑަސްޓްރީ އޯވަރ ދަ ނެކްސްޓް ޑިކޭޑް" ނުވަތަ އިސްލާމިކް ބޭންކިންގ އަދި ފައިނޭންސް ދާއިރާ ކުރިއަށް އޮތް ދިހަ އަހަރާއި ހަމައަށް ދެމެއްހެޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމެވެ.

ފޯރަމްގައި ޖުމްލަ ހަތަރު ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިސެޝަންތަކުގައި ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގަިއ އިސްލާމިކް ފައިނޭންސްގެ ދާއިރާ އޮތް ހާލަތާއި އިސްލާމިކް ފައިނޭންސް ދެމެހެއްޓުމަށް ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލައި ފޯރަމްގައި ބައިވެރިވި ގައުމުތައް ގުޅިގެން މިފަދަ މައްސަލަތައް ހައްލުކުރުމަށް ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ އިސްލާމިކް ފައިނޭންސްގެ ހަބަކަށް ރާއްޖެ ހެދޭތޯ ކަމަށާއި މިރީޖަންގެ ހުރިހާ ސްޓޭކް ހޯލްޑަރުންނާއެކު މަޝްވަރާކޮށް ދިވެހިރާއްޖެއަށް ހޯދޭނެ ފުރުސަތުތަކަކީ ކޮބައިތޯ ބަލަމުންދާ ކަމަށް އިންސެއިފްގެ އެސޯސިއެޓް ޕްރޮފެސަރ އަދި މި ފޯރަމްގެ ޗެއާޕަރސަން ޑރ. އައިޝަތު މުނީޒާ ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މިފޯރަމްގެ ސަބަބުން އިންޓަރނޭޝަނަލް އިސްލާމިކް ފައިނޭންސް ސެންޓަރަކަށް ރާއްޖެ ހެދުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށްވެސް މުނީޒާ ވަނީ ވިދާޅުވެފައެވެ.

މި ފޯރަމާއެކު އެވޯޑު ދިނުމުގެ ހަފްލާއެއްވެސް ވަނީ ކުރިއަަށް ގެންގޮސްފައެވެ. މިއެވޯޑަކީ ދެކުނު އޭޝިއާ ގައުމުތަކުގެ ތެރެއިން އިސްލާމިކް ފައިނޭންސް އަދި ބޭންކިންގ ދާއިރާގައި ފާހަގަކޮށްލެވޭ ކުރިއެރުން ހޯދާފައިވާ ކުންފުނިތަކަށް ދޭ އެވޯޑެކެވެ.