ސޮނީ ސްޕޯޓްސްގެ ފަރާތުން ފުރަތަމަ ފަހަރަށް ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ލިވައިސްގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފިއެވެ.

މާލޭގައި މި އައުޓްލެޓް ހުންނަނީ އަމީނީ މަގުން މީރާ ކުރިމަތީގައެވެ.

މި ފިހާރައާ ގުޅޭގޮތުން ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ސޮނީ ސްޕޯޓްސްގެ މާކެޓިން މެނޭޖަރ މުހައްމަދު ޝަހުލީން ވިދާޅުވީ، މިފިހާރަ ހުޅުވާފައިވަނީ ސޮނީ ސްޕޯޓްސް ފެޝަންގެ ތެރެއިން ޝޮޕް އެންޑް ޝޮޕް އެކްސްޕީރިއެންސެއްގެ ތެރެއިން ކަމުގައެވެ.

ޝަހުލީން ވިދާޅުވީ މިފިހާރައިން ލިވައިސް ބްރޭންޑްގެ އިތުރުން ބިލަބޮންގް، ރިޕްކާލް، ރޮކްސީ އަދި ކުއިކްސިލްވާ ފަދަ ބްރޭންޑްތަކުގެ ތަކެތިވެސް ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން 200 އަށްވުރެ ގިނަ ސްޓައިލްގެ ތަކެތި މިހާރުވެސް މިފިހާރައިން ލިބެން ހުންނާނެ ކަމަށް ވިދާޅުވިއެވެ.

މި ފިހާރައިން ކަސްޓަމަރުންނަށް ދެމުންގެންދާ ހިދުމަތްތަކުގެ ތެރޭގައި ފްރީކޮށް ކަސްޓަމަރުން ބޭނުން ސައިޒަކަށް ޖީންސް ފަދަ ތަކެތި ކުރުކޮށްދިނުން ހިމެނެއެވެ.

އަދި މިއަދަކީ ލިވައިސްގެ މިފިހާރަ ހުޅުވިދުވަސް ކަމަށްވާތީ މިއަދަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް ކުރިއަށްގެންދާ ކަަމަށްވެސް ޝަހުލީން ވިދާޅުވިއެވެ. އެގޮތުން ގަންނަ ކޮންމެ ދެޖީންސްއަކަށް އެއްޖީންސް ހިލޭ ދޭނެކަމަށް ވިދާޅުވިއެވެ.

ލިވައިސްއަކީ ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ޖީންސް އުފައްދާ ކުންފުންޏެއް،،،މި ބްރޭންޑަކީ ހުރިހާ ޖިންސަކަށްވެސް ފެތޭގޮތަށް މުދާ އުފައްދާ ކުންފުންޏެކެވެ. ރާއްޖޭގައި މިފަދަ ބްރޭންޑެއްގެ އައުޓްލެޓެއް ހުޅުވުން ވެގެންދާނީ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އެތައް ގޮތަކުން ކުރިއެރުވުމަށް މަގުފަހިކޮށްދޭނެ ކަމަކަށެވެ.