ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހުސްވެފައިވާ 3 ފަނޑިޔާރުންގެ މަގާމަށް ތިން ބޭފުޅަކު އައްޔަން ކުރެއްވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހް، އެ ތިން ބޭފުޅުންގެ ނަންފުޅުތައް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާއަށް މިއަދު ފޮނުއްވައިފިއެވެ.

މިކަން ހާމަކުރެއްވީ، ރައީސް އިބްރާހިމް މުހަންމަދު ސާލިހް މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން، ރައީސް ޖޭއެސްސީއަށް ފޮނުއްވި ތިން ނަންފުޅަކީ، އުއްތަމަފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވުމަށް މ.ގުލްފާމްގެ އަހްމަދު މުއުތަސިމް އަދްނާންގެ ނަންފުޅާއި، ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް ސ.މީދޫ ހަސަންކާރިގެ ހުސްނުއްސުއޫދާއި، މ.ވޭސައިޑް ޢަބްދުއްރައޫފް އިބްރާހީމްގެ ނަންފުޅެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ތިން މަގާމުގެ ތެރެއިން ދެމަގާމަކީ އުއްތަމަފަނޑިޔާރަކަށް ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީއާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ހުސްވި ދެމަގާމެވެ. އަނެއް މަގާމަކީ ފަނޑިޔާރު އަބްދުﷲ އަރީފް ރިޓަޔާކުރެއްވުމުން ހުސްވި މަގާމެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލީ މި ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ސުންގަޑިއަކަށް ކަނޑައަޅާފައިވަނީ މިއަދު މެންދުރު 12:00 ގެ ނިޔަލަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލީ ގާނޫނުއަސާސީގެ 148 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށްޓަކައެވެ. ފަނޑިޔާރުކަމަށް ބޭފުޅުން އައްޔަންކުރުމަށް ގާނޫނުގައި އޮންނަނީ ޖޭއެސްސީގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ނަންތަކެއް މަޖިލީހަށް ހުށަހަޅައި މަޖިލީހުން ފާސްކޮށްގެނެވެ. އެގޮތުން ޖޭއެސްސީން އާންމުކޮށް ހުޅުވާލައި ފުރުސަތުގައި ކުރިމަތިލައްވާ ބޭފުޅުންގެ އިތުރަށް ރައީސަށް ފެންނަ ބޭފުޅުންގެ ނަންތައް ޖޭއެސްސީގެ ލަފަޔަށް އެދި ފޮނުވުމުގެ އިޚުތިޔާރުވެސް ގާނޫނުން ރައީސަށް ލިބިދެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 30 އަހަރު ފުރިފައި ވުމާއި، ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ހިމެނެއެވެ. އަދި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން އަދި އެ ސެޓްފިކެޓަކީ ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތަކުން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓަކަށް ވާންޖެހެއެވެ.