މާލޭ އިރުދެކުނު ފަރާތުގައި ގާއިމުކޮށްފައިވާ ސްވިމިން ޓްރެކް ސަރަހައްދު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އަންނަ ހަފްތާގެ ތެރޭގައި ފެށޭވަރުވާނެ ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެފިއެވެ.
ވީސްޕޯޓްސް ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ސްވިމިން އެސޯސިއޭޝަންގެ ނައިބް ރައީސް އިސްމާއީލް އަލީ ވިދާޅުވީ މަސައްކަތްނުފެށި ވަރަށް ބޮޑަށް ލަސްވެގެން ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންދާ ކަމަށާއި އެހެން ނަމަވެސް އެ ސަރަހައްދުގައި ހަދަންޖެހޭ އީއައިއޭއަށް ވަގުތުކޮޅެއް ނެގުމާއި ގުޅިގެން އެކަން ލަސްވެގެންދިޔައީ ކަމަށެވެ.
މި ސަރަހައްދު ތަރައްގީ ކުރެވިގެންދާއިރު ސިޑިބަރީގެ ތަނބުތައް ޖަހަންޖެހެނީ މޫދުގައި ކަމަށް ވުމުން އެއްގަމު ތޮއްޓަށް ލިބިދާނެ ގެއްލުމަކަށް ބެލުމާއި އެކު ކުރެހުމަށް ވެސް ބަދަލުތަކެއް ގެންނަން ޖެހުނީ ކަމަށް އިސްމާއީލް ވިދާޅުވިއެވެ.
އީއައައިއޭ ހެދުމަށް ކުރެހުމަށް ގެނައި ބަދަލާއި އެކު މިހާރު ހުރިހާކަމެއް ވެސް އޮތީ ނިމުމުގެ މަރުހަލާގައި ކަމަށާއި އަންނަ ހަފްތާގެ ތެރޭގައި އެ ސަރަހައްދުގެ މަގު ބަންދުކުރެވި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އިސްމާއީލް ވިދާޅުވިއެވެ.
ސްވިމިން ޓްރެކް ސަރަހައްދުގައި ސިޑިބަރިއާއި ފާހާނާ އާއި ފެންވަރާނެ ވަސީލަތުގެ އިތުރުން އަންހެން އަދި ފިރެހެން ފެތުންތެރިންނަށް ވަކިން ބޭނުން ކުރެވޭނެ ވަސީލަތް ސިޑިބަރި ދަށުގައި ގާއިމް ކުރެވިގެންދާނެ ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެއެވެ.
މި ސަރަހައްދު މާޒިޔާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ. ކުޅިވަރާ ބެހޭ ވުޒާރާ އާއި މާޒިޔާ ކޮންސްޓްރަކްޝަނާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގައިވާ ގޮތުން 120 ދުވަހުގެ ތެރޭގައި ސްވިމިން ޓްރެކް ސަރަހައްދު ތަރައްގީކޮށް ނިންމަން ޖެހޭއިރު އަންނަ ފެބްރުއަރީއަށް މަސައްކަތް ނިންމާލެވޭނެ ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެއެވެ.
މިހާރު ޓްރެކުގައި މުބާރާތްތައް ބާއްވާއިރު އެ ސަރަހައްދުގައި ހުންނަނީ ވަގުތީ ޓެންޓްތަކެއް ޖަހާ ހިޔާކޮށްފަ އެވެ. އެހެންކަމުން މިސަރަހައްދު ތަރައްގީކުރެވިގެން ދިޔުމުން މުބާރާތްތައް ބޭއްވުމަށް ވަރަށް ބޮޑު ލުޔެއް ލިބި ފެތުންތެރިންނާއި މި ސަރަހައްދު ބޭނުން ކުރާ ފަރާތްތަކަށް ރައްކާތެރިކަން ލިބިގެންދާނެ ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެއެވެ.