ކޮރަޕްޝަންގެ ދެވަނަ މައްސަލައެއްގައި ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑަ ސިލްވާ ޖަލަށް ލުމަށް އިއްވާފައިވާ ހުކުމް ރަނގަޅު ކަމަށް ބްރެޒިލްގެ އިސްތިއުނާފީ ކޯޓުންވެސް ކަނޑައަޅައިފިއެވެ.

ކުރީގެ ރައީސް ލޫލާގެ މައްޗަށް ކުށް ސާބިތުވީ، ބްރެޒިލްގެ ސައޮޕައުލޯ ސްޓޭޓްގެ އަޓިބައިއާގައި ހުންނަ އޭނާގެ ގެކޮޅެއް މަރާމާތުކުރުމުގެ މަސައްކަތުގައި ރިޝްވަތު ނަންގަވާފައިވާ މައްސަލާގައެވެ.

ޝަރީއަތުގައި ކުރީގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑަ ސިލްވާ ވިދާޅުވަމުން ގެންދެވީ، އެ ގެއަކީ އޭނާގެ ގެއެއް ނޫން ކަމަށެވެ. އެއީ، އޭނާގެ ރަހްމަތްތެރިޔަކު އޭނާ ބޭނުން ކުރެއްވުމަށް ހިލޭ ދެއްވާފައިވާ ގެއެއް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ލޫލާގެ ގާނޫނީ ވަކީލުންގެ ޓީމުން ޝަރީއަތުގައި ބުނެފައިވަނީ، އެ ގެ މަރާމާތުކުރުމުގެ މަސައްކަތާއި، ލޫލާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ.

މިމައްސަލާގައި ކޯޓުން ހުކުމް އިއްވީ، ކުރީގެ ރައީސް ލޫލާ 12 އަހަރާއި 11 މަސްދުވަހަށް ޖަލަށްލުމަށެވެ.

އެހެންނަމަވެސް، އިސްތިއުނާފީ ކޯޓަށް މައްސަލަ ހުށަހެޅުމުން މައްސަލަ އަލުން ބެލުމަށްފަހު އިސްތިއުނާފީ ކޯޓުން މިއަދު އިއްވި ހުކުމުގައިވަނީ ޖަލުގެ މުއްދަތު 17 އަހަރާއި އެއްމަސް ދުވަހަށް އިތުރު ކޮށްފައެވެ. އެއީ، މަނީލޯންޑަރިންއާއި، ކޮރަޕްޝަންގެ އިތުރު ކަންތައްތަކެއް ފެނުމާ ގުޅިގެންނެވެ.

ހުކުމުގެ މުއްދަތު އިތުރުކުރުމަށް އިސްތިއުނާފީ ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން އިއްތިފާގުވެފައި ވެއެވެ.

ކޮރަޕްޝަންގެ މައްސަލައެއްގައި ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑަ ސިލްވާ 8 އަހަރާއި 10 މަސްދުވަހަށް ޖަލަށްލުމަށް ބްރެޒިލްގެ ކޯޓަކުން މީގެކުރިންވެސް ހުކުމް ކޮށްފައި ވެއެވެ. އެ މައްސަލަ ހުށަހެޅުމުންވެސް އިސްތިއުނާފީ ކޯޓުންވަނީ އެ ހުކުމް ދަމަހައްޓާވަފައެވެ.

އެ ހުކުމާ ގުޅިގެން ލޫލާ ހައްޔަރު ކުރެވި 2018 ވަނަ އަހަރުގެ އޭޕްރީލް މަހުންފެށިގެން ގެންދެވީ ޖަލުހުކުމް ތަންޒީފު ކުރައްވަމުންނެވެ.

އެހެންނަމަވެސް، ބްރެޒިލްގެ ސުޕްރީމް ކޯޓުން މިމަހުގެ ކުރީކޮޅު ކުރި ހުކުމަކާ ގުޅިގެން ލޫލާ ހުންނެވީ ޖަލުން މިނިވަންކޮށްފައެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވަނީ، ބްރެޒިލް އެއްވެސް ރައްޔިތަކު ހައްޔަރުކޮށް ޖަލަށް ލާންވާނީ އިސްތިއުނާފީ ހުރިހާ މަރްހަލާތަކެއް ނިމުމުން ކަމަށެވެ.