ސަައުތު އޭޝިއަން ގޭމްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓުގައި ވާދަކުރާ އިންޑިއާ، ގޭމްސްއިން ވަކިވުމާ ގުޅިގެން މުބާރާތުގެ ފޯމެޓަށް ބަދަލު ގެނެސްފިއެވެ.

ކުރިން މުބާރާތް ކުރިޔަށްގެންދިޔުމަށް ނިންމާފައި އޮތީ ގްރޫޕް ސްޓޭޖު މެޗުތައް ކުޅުމަށްފަހު، ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. އެކަމަކު މުބާރާތުން އިންޑިއާ ވަކިވުމުން، ދެން މުބާރާތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ލީގު އުސޫލުންނެވެ.

ލީގު ބުރުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ސްރީލަންކާ، ބޫޓާން އަދި ނޭޕާލް އެވެ. ލީގު ބުރުގެ ކުޅުން ނިމުމަށްފަހު، އެންމެ ގިނަ ޕޮއިންޓު ހޯދާފައިވާ ދެ ޓީމު ފައިނަލަށް ދަތުރުކުރާނެ އެވެ.

ލީގު ބުރުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ ދެވަނަ ދުވަހު ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި އަންނަ މަހުގެ ތިންވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، ތިންވަނަ މެޗުގައި ބޫޓާން އާއި ދެކޮޅަށް ނުކުންނާނީ ފަސްވަނަ ދުވަހު އެވެ. އަދި ލީގު ބުރުގައި ކުޅޭ ފަހު މެޗުގައި އަންނަ މަހުގެ ހަވަނަ ދުވަހު ނުކުންނާނީ މުބާރާތް ބާއްވާ ނޭޕާލާ ދެކޮޅަށެވެ.

ސައުތު އޭޝިއަން ގޭމްސްގައި ފުޓްބޯޅަ އިވެންޓުގައި ވާދަކުރާ ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގައި ދޮށީ އުމުރުގެ ތިން ކުޅުންތެރިންގެ ގޮތުގައި ހިމަނާފައިވަނީ ގައުމީ ސީނިއާ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ގަނީ (އަކޫ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ.