ރައީސް ޔާމީން އަބްދުލްގައްޔޫމަށް ހުކުމެއް ކޮށްގެން ޕީޕީއެމް އަތުނުލެވޭނެކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނަށް ކުރި ހުކުމަށް ފަހު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމިނަށް ކޮަށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަަމަށެވެ. އަދި މައްސަލަ ފެށިގެން އައިއިރުވެސް ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށް ވިދާޅުވަމުން އައި ވާހަކަ އަބްދުއްރަހީމް ވަނީ ތަކުރާރު ކުރައްވާފައެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް ނަޝީދާއި، ގާސިމް އިބްރާހިމްގެ ބައިވެރިވުން އޮވެގެން ވަރަށް ބޮޑަށް ރޭވިގެން ކުރައްވާފައިވާ ކަމެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ސިޔާސީ މައިދާނުން ރައީސް ޔާމީން ފޮހެލުމަށް ކުރައްވާ ކަމެއްގެ ގޮތުގައި އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ރައީސް ޔާމީން އަދިވެސް ހުންނެވީ ވަރަށް ސާބިތަުކަންމަތީގައި ކަމަށާއި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ނިކުންނަވާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމް އަތުލުމަށްފަހު ނުވަތަ ޕީޕީއެމްގެ ލީޑަރޝިޕަށް އައުމަށްފަހު އެއްވެސް ބޭފުޅަކަށް ރިޔާސީ އިންތިޚާބަށް ކުރިމަތިނުލެވޭނެ ކަމަށާއި ހުކުމެއް ކޮށްގެން ޕާޓީ އަތުލެވޭ ވަރަށްވުރެ މިކޯލިޝަން މާ ބަދަހިވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"މިއީ ވަރަށް ބަދަހި ޓީމެއް. އަޅުގަނޑުމެންގެ ހިތްވަރަކަށް ބަދަލެއް ނާންނާނެ. މިކުރާ މަސައްކަތް ހުއްޓާލާނީ ރައީސް ޔާމީން މިނިވަން ކުރުމަށްފަހު."

ރައީސް ޔާމީން ޖަލުގައި ހުންނެވިޔަސް ޕީޕީއެމްގެ ރައީސަކީ އަދި ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރަކީ ރައީސް ޔާމީން ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އާ ލީޑަރަކު ހޮވުމުގެ ވިސްނުންވެސް ނުގެންގުޅުއްވާ ކަމަށާއި ކޮންގްރެސް އެއްވެސް ނުބާއްވާނެކަމަށް އަބްދުއްރަހީމް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ރައީސާ ޔާމީނާ އިދިކޮޅު ލީޑަރުން އަތޮޅުތަކަށް ދަތުރުކުރައްވައި ސަޕޯޓަރުންގެ ވިސްނުން ބަދަލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެހެންނަމަވެސް އެކަންކަމަށް ވިސްނައި، ސަމާލުވެތިބުމަށް އަބްދުއްރަހީމް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ޔާމީން ޖަލަށްލުމުގެ މައިގަނޑު އަސްލަކީ ދިވެހިރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ދިނުންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ގައުމާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވާ ކޮންމެ ފަހަރަކު އިސްލާމްދީން ހިމާޔަތްކުުރުމަށް ވާހަކަފުޅު ދައްކަވާ ކަމަށާއި އެކަމަށް ރައީސް ޔާމީނާ އިދިކޮޅު މެމްބަރުން މިހާރުވެސް އެއްބަސްވެވަޑައި ގަންނަވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މިއީ އެފަދަ ކަންކަން ހުއްޓުވަމަށް ކުރިކަމެއްގެ ގޮތުގައި އަބްދުއްރަހީމް ވަނީ ސިފަކުރައްވާފައެވެ.