ސްރީލަންކާގެ އައު ރައީސް ގޮޓަބާޔަ ރާޖަޕަކްސަ އިންޑިއާއަށް ވަޑައިގެންފިއެވެ.

ގޮޓަބާޔަ ރާޖަޕަކްސަ އިންޑިއާއަށް ވަޑައިގެންނެވީ މިރޭގެ ވަގުތެއްގައެވެ.

މިއީ، ސްރީލަންކާގެ ރައީސްކަމާ މިމަހުގެ 18 ވަނަ ދުވަހު ހަވާލުވެވަޑައިގެން ގޮޓަބާޔަ ރާޖަޕަކްސަ ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ތިންދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާގެ ރައީސް އިންޑިއާއަށް މިވަޑައިގެންނެވީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށެވެ.

ސްރީލަންކާގެ ރައީސް މިރޭގެ ވަގުތެއްގައި ނިއުދިއްލީއަށް ވަޑައިގެންނެވި ނަމަވެސް، ދަތުރުފުޅުގެ ރަސްމީ ކަންކަން ފެށޭނީ މާދަމާއެވެ.

ސްރީލަންކާގެ ރައީސަށް މަރްހަބާ ދެންނެވުމަށް އިންޑިއާގެ ރައީސް ރާޖް ނާތު ކޯވިންދު ބާއްވާ ޚާއްސަ ރަސްމިއްޔާތު އޮންނާނީ، ރައީސްގެ ރަސްމީ ގެކޮޅު ރާޝްތުރަޕަތީބަވަންގައި މާދަމާއެވެ.

ސްރީލަންކާގެ ރައީސްގެ މިދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން، އިންޑިއާގެ ރައީސް ރާޖް ނާތު ކޯވިންދުއާ ބައްދަލު ކުރައްވައި، ދެގައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ވަރުގަދަ ކުރެއްވުމާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމަށް މީޑިއާއިން ބުނެއެވެ.

ނޮވެމްބަރު 16 ވަނަ ދުވަހު ސްރީލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބު ގޮޓަބާޔަ ރާޖަޕަކްސަ ކާމިޔާބު ކުރެއްވުމާއެކު، އިންޑިއާއިން ވަރަށް އަވަސްގޮތެއްގައި މަރްހަބާ ކިޔާފައި ވެއެވެ. އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި އޮތްކަހަލަ އިންޑިއާ ދުރު ގުޅުންތަކެއް އާ ސަރުކާރުގައި އޮތުމަށް ނޭދޭ ކަމަށާއި، އާ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކަމަށްވެސް ބުނެފައި ވެއެވެ.

ގޮޓަބާޔަ ރާޖަޕަކްސަ ރައީސްކަމުގެ ހުވާ ކުރެއްވި ދުވަހު އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ޖެއިޝަންކަރު ވަރަށް ކުއްލިގޮތަކަށް ވަނީ ކޮޅުނބަށް ވަޑައިގެން އާ ރައީސާ ބައްދަލުވެސް ކުރައްވާފައެވެ.