ސަައުތު އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓުގައި ވާދަކުރާ ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީޓީ ޓީމު ނޭޕާލަށް ހިނގައެއްޖެ އެވެ.
ގޭމްސްގައި ވާދަކުރުމަށް ޓީޓީ ޓީމު ނޭޕާލަށް ފުރާފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. މިފަހަރުގެ ގޭމްސްގައި ޓީޓީން އަންހެން ޓީމާއި ފިރިހެން ޓީމުވެސް ބައިވެރިކުރުވަން ވަނީ ނިންމާފައެވެ.
ގޭމްސްގައި ވާދަކުރާ ޓީޓީ އަންހެން ޓީމުގައި ހިމެނެނީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް، ލައިސާ ފަތުހުﷲ އިސްމާއީލް، ފާތިމަތު ޖުމާނާ އަދި ޒާރާ ހަސަން ލަތީފް އެވެ. އަދި ފިރިހެން ޓީމުގައި ހިމެނެނީ މޫސާ މުންސިފް އަހުމަދު، މުހައްމަދު ޒީސްތު ނަސީމް، މުހައްމަދު ޝައްފާން އިސްމާއީލް، މުހައްމަދު ތާބިން ސުޖާއު އަދި އަޚުޔާރު އަހުމަދު ޚާލިދެވެ.
ޓީމުގެ ކޯޗުންނަކީ އިމްތު ކުމާރާއި އިބްރާހީމް ޝިއުރީ އެވެ. އަދި ޓީމުގެ މެނޭޖަރަކީ ޖާދުﷲ ހަސަނެވެ.
ފުރުމުގެ ކުރިން މީޑިއާއާ ވާހަކަދައްކަވަމުން ޓީޓީ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އިސްމާއީލް ސުޖާއު ވިދާޅުވީ މިފަހަރުގެ ގޭމްސްއާ އަންހެން ޓީމުން ކުރިމަތިލާނީ ރިހި މެޑެއްޔެއް ހޯދުމުގެ އަޒުމުގައި ކަމަށެވެ. އަދި ފިރިހެން ޓީމުންވެސް މެެޑެއްޔެއް ހޯދާނެ ކަމަށް އުންމީދުކުރާ ކަމަށާއި، ފިރިހެން ކުޅުންތެރިންވެސް މިހާތަނަށް އައިރު ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.
މިފަހަރުގެ ސައުތު އޭޝިއަން ގޭމްސްއިން މެޑެއްޔެއް ހޯދުމަށް ޓީޓީ ޓީމުން ޓާގެޓް ކޮށްފައިވާއިރު، މިއަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން އަންހެން ޓީމު ވަނީ ތިން ރަން މެޑަލް އާއި އެއް ރިހި މެޑަލް ހާސިލުކޮށްފައެވެ.