ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ފަނޑިޔާރުންނަށް ނިސްބަތްކޮށް ހުތުރުބަސް ބޭނުންކުރައްވައި ފަނޑީޔާރުންނަށް އިންޒާރުދިން މައްސަލައެއް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ފުލުހަށް ހުށަހަޅައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީލޯންޑަރިންގެ މައްސަލާގައި 5 އަހަރަށް ޖަލަށް ލައި 5 މިލިއަން ޑޮލަރަށް ޖޫރިމަނާކުރުމަށް ހުކުމް ކުރުމާއި ގުޅިގެން ނުރުހުން ފާޅުކޮށް އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވަނީ ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ފަސް ފަނޑީޔާރުންނަށް ނިސްބަތްކޮށް ހުތުރު ބަސް ބޭނުންކުރައްވައި ފަސް ފަނޑީޔާރުން ޖަލަށްލާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

މި މައްސަލާގައި ޑިޖޭއޭއިން ބުނީ، އަބްދުއްރަހީމްގެ އެ އަމަލަކީ ފަނޑިޔާރުންގެ ހުރުމަތް ކަނޑާލުމުގެ އަމަލެއް ކަމަށެވެ. އެހެންވީމާ އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށެވެ. ޑީޖޭއޭ އިން ފުލުހުންނަށް ހުށަހެޅި އަބްދުއްރަހީމްގެ މައްސަލައާއި ގުޅިގެން ސުވާލުކުުރުން އަބްދުއްރަހީމް ވަނީ އެ މައްސަލައިގައި އެއްޗެއް ވިދާޅުވާން ދެކޮޅުހައްދަވާފައެވެ.

ކޯޓުގެ ހުރުމަތް ކަނޑާ މައްސަލަތަކަކީ ފުލުހަށް ހުށަހަޅައި ތަހުގީގު ހިންގައި ދައުވާކުރުމުގެ އިތުރަށް އެ ކޯޓަކަށް އަމިއްލަ އިސް ނެގުމަކަށް ވެސް ބެލޭ ފަދަ މައްސަލަތަކެކެވެ.

ރައީސް ޔާމީންގެ މައްސަލަ ބެލުމަށް ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފައި ވަނީ މައްސަލަ ފެށުނީއްސުރެއް އިދިކޮޅުންނާއި، ހުދު ރައީސް ޔާމީން އަދި އެމަނިކުފާނުގެ ގަނޫނީ ޓީމުން އެކި ފަހަރުމަތިން ތަކުރާރުކޮށް އެކަމަށް އެދިފައިވާތީ އެކަމަށް ރިއާޔަތްކޮށްފައެވެ. އެހެންނަމަވެސް ބެންޗު އެކުަލާވުލުމުން ބެންޗުގައި ތިއްބެވި ފަނޑިޔާރުންނަށްވެސް އިދިކޮޅުން ހިންހަމައެއް ނުޖެހުނެވެ.

ވަކިން ޚާއްސަކޮށް ފަނޑިޔާރު އަލީ ރަޝީދަށް ފާޑުކިޔުންތައް އަމާޒުކޮށް، އެމަނިކުފާނުގެ މައްސަލައެއް ހުށަހަޅައި ރައީސް ޔާމީނަށް ހުކުމް އިއްވުމުގެ ކުރިން ފަނޑީޔާރު އަލީ ރަޝީދަށް ފިޔަވަޅު އަޅައިދިނުމަށްވެސް އިދިކޮޅުން ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ. އެހެންނަމަވެސް މައްސަލަ ނިންމާފައި މިވަނީ ފަނޑިޔާރު އަލީ ރަޝީދުވެސް ބެންޗުގައި ހިމެނިވަޑައިގަންނަވާ ގޮތަށެވެ.