ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު މުޅިން އަލަށް ރާއްޖޭގައި ތައާރަފްކޮށްފިއެވެ.

އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު ރާއްޖޭގައި ތައާރަފުކޮށްފައިވަނީ މިކަމަށް ހާއްސަކޮށްގެން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމެވެ.

މި ހިދުމަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މުޅި ދުނިޔެވެސް ގަބޫލުކުރާ ފެންވަރުގެ ހިދުމަތްތަކެއް އެކުލެވޭ އެމެރިކަން އެކްސްޕްރެސްގެ ޕްލެޓިނަމް ކާޑު ރާއްޖެއަށް ތައާރަފުކުރުމަކީ ބީއެމްއެލްއިން ދެމުންގެންދާ ހިދުމަތްތަކަށްވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔަ ކަމެއް ކަމަށެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމެރިކަން އެކްސްޕްރެސް ގެ ދެކުނު އޭޝިޔާގެ ވައިސް ޕްރެޒިޑެންޓް އަދި ގްލޯބަލް ނެޓްވޯކް ސަރވިސަސްގެ ބިޒްނަސް ހެޑް ދިވްޔާ ޖެއިން ވިދާޅުވީ އެމެރިކަން އެކްސްޕްރެސްއިން 2004 ވަނަ އަހަރުން ފެށިގެން ބީއެމްއެލްއާ އެކު ގާއިމްކުރެވިފައިވާ ގުޅުމަކީ އެމެރިކަން އެކްސްޕްރެސްއިން އަގުވަޒަންކޮށް އިހުތިރާމްކުރާ ގުޅުމެއް ކަމުގައެވެ.

އަދި އެމެރިކަން އެކްސްޕްރެސްގެ ޕްލެޓިނަމް ކާޑު އިފްތިތާހުކުރުމާއެކު ދިވެހިންނަށް މިކާޑު މެދުވެރިކޮށް، އެމެރިކަން އެކްސްޕްރެސް ބްރޭންޑުން ފޯރުކޮށްދޭ ހިދުމަތްތައް ފަސޭހަކަމާއެކު ހޯދުމަށް މަގުފަހިވެގެންދާނެ ކަމުގައެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްއާ ގުޅިފައިވާ ބައިނަލްއަޤްވާމީ ވިއުގައާއި އަދި ދިވެހި ބޭންކިންގެ ފަންނީ ތަޖުރިބާވެސް މި ހިދުމަތުގައި ހިމެނިގެންދާނެ ކަމަށެވެ. އަދި މި ތައާރަފުކުރެވުނު ހިދުމަތާއެކު ބްރޭންޑަށް ލިބޭ ތަރުހީބު އިތުރުވެ، ބޭންކުގެ ކަސްޓަމަރުންގެ އަދަދު އިތުރު ވެގެންދާނެކަމަށް ދިވްޔާ ޖެއިން ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކުރާ އަދި މާޗަންޓް ހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ބޭންކެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 50 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލްއިން ބުނެއެވެ.