ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އައިޝަތު ބީޝާމް އިސްތިއުފާ ދެއްވުމާއި އެކު އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ އާދީއްތަ ދުވަހުގެ މެންދުރު 2:00ގެ ނިޔަލަށެވެ. މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލައި އާންމުކޮށްފައި ވަނީ ބުރާސްފަތި ދުވަހު އިރުއޮއްސުނު ފަހުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގެ ޝަރުތަކީ އުމުރުން 25 އަހަރު ވުމާ އެކު ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް އޮތުމާއި އަދި އެ ދާއިރާގައި މަދުވެގެން ހަތަރު އަހަރުގެ ތަޖުރިބާ ހުރުމެވެ. އަދި އެއްވެސް ސިޔާސީ މަގާމެއް ނުވަތަ އިންތިޚާބީ މަގާމެއްގައި ހުރި މީހަކަށް ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމަކީ ވެސް މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވީ އައިޝަތު ބިޝާމް މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ބިޝާމް އިސްތިއުފާ ދެއްވީ އޭނާ ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފަށާފައިވަނިކޮށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅުން އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅުތަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުންނެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނު ބުނާ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ހުސްވާތާ ގިނަވެގެން 30 ދުވަސް ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހޭނެ އެވެ. އަދި އެ މަގާމު ހުސްކޮށް އޮންނަ މުއްދަތުގައި އެ މަގާމުގެ ޒިންމާތައް އަދާ ކުރާނީ ޑެޕިިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްއެވެ.