މަނީލޯންޑަރިންގެ ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް ފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އައިޖީއެމް ހޮސްޕޮޓަލަށް ގެންގޮސްފައިވަނީ ގައިދީންނާ މެދު އަމަލުކުރާ އާއްމު އުސޫލުގެ މަތިން ހެލްތު ސްރީނިންއަށް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ކަރެކްޝަނުން ބުނީ ހުކުމެއްކޮށް ޖަލަށް ގެންދާ ކޮންމެ މީހަކުވެސް ޖަލަށް ގެންދިއުމާއި އެކު އެމީހެއްގެ ސިއްހީ ހާލަތު ދެނެގަތުމަށްޓަކައި ހެލްތު ސްކްރީނިން ހަދަން ޖެހޭނެ ކަމަށެވެ. އެގޮތުން ހުކުރު ދުވަހުގެ ހެނދުނު ރައީސް ޔާމީން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ހެލްތު ސްކްރީނިން ހެދުމަށް ކަމަށާއި ސިއްހީ ހާލަތު ގޯސްވެގެން ނޫން ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ރައީސް ޔާމީނުގެ މައްޗަށް ސާބިތުވެފައިވަނީ އެމްއެމްޕީއާރުސީ ގެ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓެއް މެދުވެރިކޮށް އެމަނިކުފާނުގެ އަމިއްލަފުޅު އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ވާކަމުގެ ދައުވާއެވެ. މި މައްސަލާގައި އެމަނިކުފާނުގެ މައްޗަށް އިއްވާފައިވަނީ 5 އަހަރު ދުވަހުގެޖަލު ހުކުމެކެވެ. އަދި 5 މިލިއަން ޑޮލަރުން ޖޫރީމަނާކޮށް، އެ ފައިސާ 28 ނޮވެމްބަރު 2019 އިން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް ދެއްކުމަށްވެސް ހުކުމުގައިވެއެވެ.

ރައީސް ޔާމީން ކަފާލާތުގެ ދަށުން މިނިވަން ކުރުމަށް ހުށައަޅާނެ ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.