ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން ދުނިޔޭގެ މާކެޓްގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް "އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕެއިން ދެވަނަ ފަހަރަށް ފަށައިފިއެވެ.

މޯޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަދި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގުޅިގެން އިފްތިތާހުކޮށްފައިވާ "އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕޭން ދެވަނަ ފަހަރަށް އިފްތިތާހު ކޮށްދެއްވީ އެކަމަށް ހާއްސަކޮށް ކުރުނބާ މޯލްޑިވްސް ގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމެވެ.

ކެމްޕެއިންއާ ގުޅޭގޮތުން ބީއެމްއެލްއިން ބުނީ މި ކެމްޕެއިންގެ އަމާޒަކީ އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ މެންބަރުންނަށް ހާއްސަ އޮފަރތަކާއި ތަފާތު ތަޖްރިބާކޮށްލުމުގެ ފުރުސަތުތަކާއެކު ދުނިޔޭގެ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އިޝްތިހާރު ކުރުން ކަމުގައެވެ. މިކެމްޕޭންގެ ދަށުން، އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ މެންބަރުންނަށް ޗުއްޓީ ހޭދަކޮށްލުމަށް ދިވެހި ރާއްޖެ އިޚްތިޔާރުކުރަން ހިތްވަރުދިނުމުގެ ގޮތުން ޚާއްސަ އޮފަރތަކެއް ރާއްޖޭގެ ރިސޯޓްތަކާއި، ގެސްޓް ހައުސްތަކަށް ލިބި އަދި އެކިއެކި ވިޔަފާރިތަކުން ހާއްސަ ޑިސްކައުންޓްވެސް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

މި ކެމްޕޭނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ އެމެރިކަން އެކްސްޕްރެސް އާ ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ މި ކެމްޕޭން ދެވަނަ ފަރަހަށް ރާއްޖޭގައި ކުރިޔަށް ގެންދެވޭކަމީ ބީއެމްއެލްއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައެވެ.

ޓިމް ވިދާޅުވީ އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕެއިނަކީ މީގެ ކުރިންވެސް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްގެންދެވުނު ކެމްޕެއިނެއް ކަމަށެވެ. މި ކެމްޕެއިންގެ ސަބަބުން ރާއްޖެއަށް ގިނަ ފަތުރުވެރިންތަކެއް ޒިޔާރާތްކުރިކަންވެސް ޓިމް ފާހަގަކުރެއްވިއެވެ. އަދި ދެވަނަ ފަހަރަށް މި ކެމްޕެއިން ތައާރަފުކުރެވުމާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ޓިމް ވިދާޅުވިއެވެ.

މިގެ އިތުރުން މި ކެމްޕެއިންއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމެރިކަން އެކްސްޕްރެސް ގްލޯބަލް ނެޓްވޯކް ސާވިސްގެ ޑައިރެކްޓަރ އެންޑް ހެޑް ކުރުޝް ދަސްތޫރު ވިދާޅުވީ އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕެއިންގައި ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ އަދި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނާއެކު ބައިވެރިވެވޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ދިވެހި ރާއްޖެއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަބަދުވެސް ވަރަށް މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއް ކަމަށެވެ.

މި ޕާރޓްނާޝިޕްގެ ދަށުން ރާއްޖޭގެ ވިޔަފާރިތައް ކުރިއަރުވާ އެހީތެރިވުމަށް މަސައްކަތްކުރާނެ ކަމަށް ކުރުޝް ވިދާޅުވިއެވެ. އަދި މި ކެމްޕެއިނާއެކު އެމެރިކަން އެކްސްޕްރެސްގެ ކަސްޓަމަރުންނަށް އައު އަދި ތަފާތު ތަޖުރިބާއެއް ހޯދާދިނުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ކުރުޝް ވިދާޅުވިއެވެ.