އިސްލާމް ދީނުގެ މަތިވެރި ޢަޤީދާގައި ސާބިތުވެ ތިބުމަކީ، ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް، ދީނީ އަދި ޤައުމީ ވާޖިބެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞަލިޙް ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ހިތޯބުގައި ވިދާޅުވެފައި ވަނީ އިސްލާމް ދީނުގެ ތަސައްވުރު ހުތުރު ކުރުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކާ މެދު، ފަރުވާތެރިވެ، އެފަދަ ކަންކަމުން ސަލާމަތްވެ، ދަރީން ވެސް ސަަލާމަތްކުރުމަކީ އެންމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށެވެ.

ރައީސް ވިދާޅުވީ މި ރާއްޖެ ކުޑަވެފައި، މީސްކޮޅު ކިތަންމެ މަދު ނަމަވެސް، އަޅުގަނޑުމެންނަށް ލިބިފައިވާ ނިޢުމަތްތަކާއި ވަސީލަތްތައް، ގުނައި ޢަދަދު ނުކުރެވޭހައި ގިނަ ކަމަށާ އެ ހުރިހާ ނިޢުމަތްތަކެއްގެ ތެރެއިންވެސް، އެންމެ މަތިވެރި އަދި އެންމެ އަގު ބޮޑު ނިޢުމަތަކީ، އިސްލާމް ދީނުގެ މަތިވެރި ނޫރުން، އަޅުގަނޑުމެންގެ ހިތްތައް އުޖާލާކޮށްދެއްވުން ކަމަށެވެ. އެހެންކަމުން، އިސްލާމް ދީނުގެ މަތިވެރި ޢަޤީދާގައި ސާބިތުވެ ތިބުމަކީ، އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް، ދީނީ އަދި ޤައުމީ ވާޖިބެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދީނީ ޢަޤީދާ، ހިތްތަކުގައި ވަރުގަދަވަނީ، ދީނީ ކަންކަމަށް ފަރުވާތެރިވެ، ކުރަން އަންގަވާފައިވާ ކަންކަން ޢަމަލީ ގޮތުން ކުރުމާއެކު، ދުރުހެލިވުމަށް އަންގަވާފައިވާ އެންމެހައި މުންކަރާތްތަކުން ދުރުހެލިވުމުންކަންވެސް، ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށެވެ، ވަކިން ޚާއްސަ ގޮތެއްގައި، ޒުވާނުންނާއި ޅަދަރިންގެ ހިތްތަކުގައި، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ ސާބިތުކުރުމަށް މަސައްކަތް ކުރުމަކީ، މައިންބަފައިންނާއި ބެލެނިވެރިން އަދި ތަޢުލީމީ މުއައްސަސާތަކުގެ ޒިންމާއެއްކަމަށް ދެކި، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.

އިސްލާމް ދީނުގެ ތަޞައްވުރު ހުތުރު ކުރުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކާމެދު، ފަރުވާތެރިވެ، އެފަދަ ކަންކަމުން އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރީން ސަލާމަތްކުރުމަށް މަސައްކަތްކުރުމަކީ، އެންމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ޤައުމީ ވާޖިބެއްކަމުގައި ރައީސް ވިދާޅުވިއެވެ. އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ކަންކަން، އިސްލާމް ދީނުގެ ނަމުގައި، އަޅުގަނޑުމެންގެ ތެރޭގައި ފެތުރުން ހުއްޓުވޭނީ، އަދި، އިސްލާމް ދީނަށް އިހާނެތިކޮށްހިތުމާއި، ކުޑައިމީސްކުރުމުގެ އެންމެހައި ޢަމަލުތަކުން އަޅުގަނޑުމެންގެ ޅަދަރީން ސަލާމަތް ކުރެވޭނީވެސް، ދީނުގެ ޞައްޙަ ޢަޤީދާ އޮޅުންފިލުވައިދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ބިންގަލަކީ، މާތްވެގެންވާ އިސްލާމީ ޢަޤީދާކަމާމެދަކު ޝައްކެއްނެތް ކަމަށެވެ. އަދި ދިވެހިންގެ ހިތްތަކުގައި، އެންމެ ލޯބި ދެވޭ، އެންމެ ޤަދަރުކުރެވޭ އަދި އެންމެ އިޙްތިރާމްކުރެވޭ އެއްޗަކީވެސް އިސްލާމީ ޢަޤީދާ ކަމަށެވެ. އެހެންކަމުން، އިސްލާމް ދީނުގެ އެންމެ މުހިންމު ބަހާތައް ކަމުގައިވާ، އެކަކު އަނެކަކަށް އޯގާތެރިވުމާއި، މަޢާފްކުރުމާއި، ތަޙައްމަލްކުރުމާއި، ގުޅިގެން އުޅުމުގެ މަތިވެރި ސިފަ އަޅުގަނޑުމެންގެ ކިބައިގައި ހަރުލައްވަންޖެހޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޚިޠާބު ނިންމަވާލައްވާފައި ވަނީ އެމީހަކަށް ކިޔާ ނަމަށްވުރެ ބޮޑަށް، ތިމާގެ އުޅުމާއި އަޚްލާޤުން އިސްލާމީ ޢަޤީދާ ހާމަކޮށްދިނުމަށް އަޒުމު ކަނޑައެޅުމަށް އިލްތިމާސްކުރައްވަމުންނެވެ.