ކޮންމެ އަހަރެއްގެ ބޮޑު ޗުއްޓީއާ ދިމާކޮށް މާލޭގައި ދިރިއުޅޭ ގިނަ މީހުން ޗުއްޓީއަށް އަތޮޅުތެރެއަށާއި އެކި ގައުމަތަކަށް ދިޔަ ކަމުގައި ވިޔަސް މާލޭގެ ހަލަބޮލިކަމަށް އެއްވެސް ބަދަލެއް ނާދެ އެވެ. ސަބަބަކީ އެކި ބޭނުންތަކުގައި އަތޮޅުތެރޭގައި ދިރިއުޅޭ ގިނަ ބަޔަކު މާލެ އަށް ޖަމާވާތީ އެވެ.

ބޮޑު ޗުއްޓީގައި މާލެއަށް އަތޮޅުތަކުން ގިނަ ބަޔަކު އެކި ބޭނުންތަކުގައި އަންނައިރު އެންމެ ގިނަ މީހުން އަންނަނީ އަތޮޅުތެރެއިން ލިބެން ނެތް ރަނގަޅު ބޭސްފަރުވާގެ ޚިދުމަތް މާލެއިން ލިބިގަތުމަށެވެ. މިކަން މިދުވަސްވަރު މާލޭގެ ހޮސްޕިޓަލްތަކާއި ކުލިނިތަކަށް ޒިޔާރަތް ކޮށްލުމުންވެސް އެގިގެންދެއެވެ. ބޮޑު ބަންދާ ދިމާކޮށް މާލެއަށް ބޭސް ފަރުވާއަށް ގިނަ ބަޔަކު އަންނަނީ އެނޫން މަސްތަކުގައި މާލެ އައިސް ބޭސް ފަރުވާ ކުރުމަށް ދަތިތައް ހުރުމުންނެވެ. އެގޮތުން ސްކޫލު ކިޔެވުން އޮންނަ އިރު ޑޮަކްޓަރަށް ދައްކަން ޖެހުނު ކަމުގައިވިޔަސް ދަރިން ދޫކޮށްފައި އާދެވޭކަށް ނޯވެއެވެ. އަދި ދަރިޔަކު ބަލިވިޔަސް ބަންދާ ދިމާކޮށް އަންނަން މަޑު ކުރަން ޖެހެނީ ކުދިންގެ ކިޔެވުން ގެއްލި ދާނެތީކަމަށް ގިނަ ބަޔަކު ބުނެ އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް ވިދާޅުވީ ކޮންމެ އަހަރެއްގެ ބޮޑު ބަންދާ ދިމާކޮށް އެ ހޮސްޕިޓަލުން ޙިދުމަތް ލިބިގަންނަ މީހުންގެ އަދަދަދު އަހަރުގެ އެހެން ދުވަސްތަކާއި އަޅާ ބަލާ އިރު ބޮޑުތަނުން އިތުރުވާކަމަށެވެ. މިހެން ދިމާވާ ސަބަބަކީ މިހާރު ރައްޖޭގައި ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭތީ، އަތޮޅުތަކުގައި ދިރިއުޅޭ މީހުންނަށް މާލެއަށް ޑޮކްޓަރަށް ދެއްކުމަށް އާދެވެން އޮންނަނީ ސުކޫލްތަކުގެ ކިޔެވުން ބަންދު ވުމުންކަމަށް ވާތީކަމަށެވެ.

ކޮންމެ އަހަރަކު ބޮޑު ޗުއްޓީ އާ ދިމާކޮށް ޑޮކްޓަރަށް ދައްކަން އަންނަ މީހުން ނިސްބަތުން އިތުރުވެ. އަދި ބައެއް ފަހަރު ހޮސްޕިޓަލަށް ބާރު ބޮޑުވާތަންވެސް އާދެ. ދެން މިހާރު މީހުންނަށް ދަތުރުފަތުރު ކުރެވޭލެއް ފަސޭހަވުމާއި އެކު ޗުއްޓީއާ ދިމާކޮށް އެކި ބަލިތަކަށް ހިދުމަތް ހޯދުމަށް އަންނަ މީހުން އިތުރުވެގެން ދެ. ޚާއްސަގޮތެއްގައި އާންމު ބަލިތަކަށް ފަރުވާ ހޯދުމަށް އަންނަ މީހުން އިތުރުވެގެންދެ. ދެން އަތޮލުތަކުގެ އުލޭމީހުންގެމަސައްކަތް ތަކާއި ކަންކަން ހުންނަ ގޮތުން ޗުއްޓީ އާ ދިމާކޮށް އާދެވެން އޮންނަނީ
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު އައްފާލް

އައްފާލް ވިދާޅުވީ ޗުއްޓީއާ ދިމާކޮށް ހިދުމަތް ހޯދުމަށް އަންނަ މީހުންގެ ތެރެއިން ބައެއްމީހުން އަންނަ އިރުވެސް ހުންނަނީ އެޑްމިޓްނުކޮށް ނުވާ ހިސާބަަށް ބަލީގެ ހާލަތު ބޮޑުވެފަ ކަމަށެވެ. އަދި ބައެއްފަހަރު ސާޖަރީތައް ވަގުތުން ހަދަންޖެހޭ ތަން ވެސް އަންނަ ކަމަށާ އެހެން ދިމާވަނީ ބަލިވުމުން ޑޮކްޓަރަށް ނުދައްކާމަޑު ކުރާތީ ކަމަށެް ވިދާޅުވިއެވެ. އަދި އަތޮޅުތެރޭގައި ތިބެގެންވެސް ބަލީގެ ކުރީކޮޅު ކުރެވޭނެ ފަރުވާތައް ހުންނާނެ ކަމަށާ، އެހެންކަމުން ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމުކަމަށް އައްފާލް ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ތެރޭގެ ގިނަމީނުންގެ ވިސްނުންވެސް ހުންނަގޮތުން އަތޮޅުގެ ހޮސްޕިޓަލްތަކަށް ނުވަތަ ސިއްހީ ހިދުމަތް ދޭ ތަންތަނަށް ދިއުމަށް ވުރެ މަޑުކޮށްލައިގެން ތިބޭ ހާލަތްތައް ވެސް އެބަ އާދެ. އެހެންވީމަ އެކަހަލަ ކަންކަމަކީ އަޅުގަނޑުމެން ބަލިބޮޑުވެ ނުދިއުމަށް ވިސްނާލަންވީ ކަންކަން. ކުރީބައިގެ ފަރުވާ ހޯދުން. ބަލިވެއްޖެނަމަ ދުރާލާ ފަރުވާ ހޯދުން.
އޭޑީކޭ މެނޭޖިން ޑިރެކްޓަރު އަޙްމަދު އައްފާލް

މި ގޮތަށް އެއްފަހަރާ ރާއްޖޭގެއެކި ކަންކޮޅުތަކުން މީހުން މާލެއަށް ބޭސްފަރުވާ އަށް އަންނަ އިރު ދިމާވާ ދަތިތައްވެސް ވަރަށް ގިނަ އެވެ. ބައެއްފަހަރު ދައްކަން ބޭނުންވާ ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ލިބުމުގައި ދަތިތައް ކުރިމަތިވެ މާލޭގައި ގިނަދުވަހު މަޑުކުރަންޖެހޭ ފަހަރުވެސް ބައެއް މީހުންނަށް ކުރިމަތިވެއެވެ. މިހެންވުމުން ބޭސްފަރުވާގެ ކަންކަން ނުނިމެނީސް އަތްމަތި ހުސްވާ ފަހަރުވެސް އަންނަނީ މަދެއްކޮށެއް ނޫންނެވެ. މިކަންކަމަށް ހައްލު ހޯދައިދިނުމަށް ބޮޑު ޗުއްޓީ އާއި ދިމާކޮށް ހޮސްޕިޓަލްތަކުންނާއި ކުލިނިކްތަކުން ތަފާތު ޕެކޭޖްތައް ތައާރަޕްނުކުރި ނަމަވެސް ދުރާލާ ޑޮކްޓަރުންނަށް އެޕޮއިންމެންޓް ހެއްދޭނެ ގޮތްތައް މިހާރު ހުންނަނީ ހަމަޖެހި ފައެވެ.

މިހާރު އަޅުގަނޑުމެންހުރޭ ފަސޭހަވާނެ ގޮތްތަކެއް ހަމަޖައްސާފަ. ދުރާލަ ނަންބަރުތައް ނެގޭނެ ގޮތްތަކާ، މިކަހަލަ ވަރަށް ގިނަ ފަސޭހަ ތަކެއް ހަމަޖައްސާފަ. އެކަންކަމަށް ބިނާކޮށް އެތަކެތީގެ ބޭނުން ހިފައިގެން ކުރިން ތައްޔާރުވެގެން ހިދުމަތް ހޯދުމަށް އައުން އެއީ ވަރަށް މުހިންމުކަމެއް. ބައެއްް ފަހަރު މާލެ ވަޑައިގެންފަ ދެން ނަންބަރު ނަގަިގެން ޑޮކްޓަރަށް ދައްކަން އުޅުމުން ދިމާވާ އުދަގޫތައް ތަންކޮޅެއް ގިނަ. އެކަމަކު ޗުއްޓި ފެށުމުގެ ކުރިން އެޕޮއިންޓްމެންޓް ތަކަށް ރިކުއެސްޓް ކުރައްވާފައި ހުރުމުން ފަސޭހަވާނެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް

އެކަނި ބޭސް ފަރުވާއަށް ނޫންކަމުގައި ވިޔަސް ފުރަތަމަ އިސްކަމެއް ދެނީ ބޭސް ފަރުވާއަށެވެ. އެހެންނަމަވެސް ދުރާލާ ވިސްނާލަން ޖެހޭ މިންވަރަށް ވިސްނާލާ އަޅަންޖެހޭ ފިޔަވަޅު ނޭޅުމުގެ ސަބަބަުން ބޮޑު ޗުއްޓީގައި މާލެއަށް އަންނަ ބޭނުންތައް އެންމެ ފުރިހަމަ އަށް ހާސިލް ނުކުރެވި ދާންޖެހެނީ މަދެއްކޮށެއް ނޫންނެވެ.