• ގާސިމްގެ މައްޗަށް އަސާސެއްނެތް ތުހުމަތުކުރުން ހުއްޓާލުމަށް ޖޭޕީން ގޮވާލި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީޙުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ މައްޗަށް އަސާސެއްނެތް ދޮގު ތުހުމަތުތަކެއް ކޮށް ވާހަތައް ނުފެތުރުމަށް އެޕާޓީގެ މެމްބަރުން ގޮވާލައިފިއެވެ.

ޖުމްހޫރީ ޕާޓީގެ މެމްބަރުން މިކަމަށް ގޮވާލާފައިމިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުވެ ކުރެވުނު ޖަލު ހުކުމުގެ ފަހަތުގައި ގާސިމްގެ އަތެއް ވާކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ވާހަކަތައް ދައްކަމުންދާ ދަނޑިވަޅެއްގައެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ނުފޫޒުން ފުރިފައިވާ ސިޔާސީ ހުކުމެއް ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އެހުކުމަކީ އެމްޑީޕީން ރާވައިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ގުޅިގެން އިއްވާފައިވާ ހުކުމެއް ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީ މައްޗަށް އަތްގަދަވެގަތުމަށް ކަމަށެވެ.

މިވާހަކަތަކާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ މެމްބަރުން ޓްއީޓުކުރައްވައި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދިފާއުގައި ވަނީ ވާހަކަ ދައްކަވާފައެވެ.

އެގޮތުން ޖުމްހޫރީ ޕާޓީގެ މެމްބަރު އަދި ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރ އިލްހާމް އަހުމަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ، ގާސިމް އިބްރާޙިމަކީ އެއްވެސް ބޭފުޅަކަށް އަނިޔާވެރިވާނެ އަދި ހަސަދަވެރިވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ގާސިމް އިބްރާހިމް ވަނީ އެކަން ސާބިތުކޮށްދެއްވާފައި ކަމަށް ވިދާޅުވެ އިލްހާމްވަނީ ދޮގު ހަބަރުތައް ފެތުރުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.

ޖުމްހޫރީ ޕާޓީގެ މެމްބަރު އަދި ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރ ރިޔާޒް ރަޝީދު ވިދާޅުވީ، ރައީސް ޔާމީނަށް ހުކުމް ކުރުމުގައި ފަނޑިޔާރުންނަށް ގާސިމް ނުފޫޒު ފޯރުވިކަމަށް ބުނެ ޕީޕިއެމް، ޕީއެންސީ ކޯލިޝަނުން ފަތުރަމުންދަނީ އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ސިޔާސީ މަގުސަދެއްގައި ފަތުރަމުންދާ ވާހަކަތަކެއް ކަމަށް ވިދާޅުވެ ރިޔާޒްވެސް ވަނީ މިފަދަ އަސާސެއްނެތް ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.

ވީނިއުސްއަށް އިތުރަށް މައުލޫމާތު ދެއްވަމުން މެމްބަރު އިލްހާމް ވިދާޅުވީ، ގާސިމް އިބްރާހިމްއާއި، ޖުމްހޫރީ ޕާޓީއާ ބަޔަކު ޖައްސާލައިގެން އުޅެނީ، ކުރިއަށްއޮތް އިންތިޚާބުތަކުގައި ޖޭޕީން ވާދަކުރަން އުޅޭތީ އެކަމާހެދި ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގެ ހުރިހާ ލީޑަރުން ރާއްޖޭގެ ރައްޔިތުން ޓެސްޓްކޮށްފި ކަމަށާއި، އެފަދަ ފުރުސަތެއް އަދި ރައްޔިތުން ދީފައި ނުވަނީ ގާސިމް އިބްރާހިމްއަށް ކަމަށްވެފައި، ކުރިއަށްއޮތް އިންތިޚާބުގައި ގާސިމަށް ފުރުސަތެއް ދިނުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ތަފާތު ގޮތްގޮތަށް ޝުއޫރުތައް ފާޅުކުރަމުންދާތީ ބަޔަކު ހިތްނުތަނަވަސްވެ، ގާސިމްއާއި އަދި ޖޭޕީއާ ޖައްސާލައިގެން އުޅެނީ ކަމަށްވެސް އިލްހާމް ވިދާޅުވިއެވެ.

މިވަގުތު ސިޔާސީ މަސްރަހަށް ބަލާއިރު ޖުމްހޫރީ ޕާޓީއަކީ އެންމެ ވަރުގަދަ އެއް ޕާޓީ ކަމަށާއި، އެކަން އެންމެނަށްވެސް އެނގޭ ކަމަށް އިލްހާމް ވިދާޅުވިއެވެ. 2023 ވަނަ އަހަރުގެ އިންތިހާބަށް ޖުމްހޫރީ ޕާޓީން ވަމުންދާ ތައްޔާރީތަކަށް ބަލާފައިވެސް އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ ސިޔާސީ ހުރިހާ ލީޑަރުންގެ އަޑު މަޑުވެ ޕާޓީތައް ފަނޑުވަމުންދާ ދަނޑިވަޅެއްގައިވެސް ޖުމްހޫރީ ޕާޓީ ސާބިތުކަންމަތީ ދެމިއޮތުމަކީ އެހެން ޕާޓީތަކަށް ޖުމްހޫރީ ޕާޓީ "ތްރެޓެއް" ގެ ގޮތުގައި ބެލެވޭނެ ސަބަބެއް ކަމަށެވެ. އެހެންވީމާ ޖުމްހޫރީ ޕާޓީ އަދި ލީޑަރު ގާސިމްއާ ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކަކީ ޕާޓީއާއި ގާސިމްގެ އަގު ވައްޓާލުމަށް ސިޔާސީ މަގްސަދެއްގައި ކުރަމުންދާ ކަމެއް ކަމަށެވެ.