އާސެނަލްގެ ކޯޗުކަމުން އުނާއީ އެމެރީ ވަކިކޮށް ވަގުތީ ކޯޗަކަށް 23 އަހަރުން ދަށުގެ ޓީމުގެ ފްރެޑީ ލިއުންބާގް ހަމަޖައްސައިފި އެވެ.

އާސެނަލްގެ ކޯޗުގެ މަގާމުން އެމެރީ މިއަދުގެ ވަގުތެއްގައި ވަކިކުރިއިރު، އޭނާ އެ މަގާމަށް ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި 22 އަހަރަށްފަހު އާސެނަލްގެ ކޯޗުގެ މަގާމުން އާސެން ވެންގާ ވަކިވާން ނިންމުމުންނެވެ.

މި ސީޒަނުގައި އާސެނަލްގެ ނަތީޖާތައް ގޯސްވި ނަމަވެސް، އެމެރީގެ ފުރަތަމަ ސީޒަނުގައި އޭނާ ވަނީ އެ ޓީމު ޔުރޮޕާ ލީގުގެ ފައިނަލަށް ގެންގޮސްދީފައެވެ.

ރޭ ޔުރޮޕާ ލީގުގައި ޖަރުމަނުގެ އެއިންޓްރެކްޓް ފްރެންކްފަޓް އަތުން އާސެނަލް 2-1 އިން ބަލިވި މެޗަކީ އެ ޓީމު މޮޅެއް ނުލިބި ޖެހިޖެހިގެން ނިންމާލި ހަތްވަނަ މެޗެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް މިހާރު އޮތީ ތާވަލުގެ އަށްވަނައިގައެވެ.

އާސެނަލްގެ ކޯޗުކަމުގެ މަގާމުން އެމެރީ ވަކިކުރިއިރު، އެމެރީ ވަނީ މީގެ ކުރިން ފްރާންސްގެ ޕީއެސްޖީގައި ދެ އަހަރު ދުވަހުގެ މުއްދަތަކަށް މަސައްކަތްކޮށްފައެވެ. އަދި އޭނާ ވަނީ ޕީއެސްޖީއާއެކު ފްރެންޗް ލީގާއި ފްރެންޗް ލީގު ކަޕް އަދި ފްރެންޗް ކަޕް ކާމިޔާބުކޮށްފައެވެ. ޕީއެސްޖީގެ އިތުރުން އެމެރީ މީގެކުރިން ވަނީ ސްޕެއިންގެ ސެވިއްޔާއަށް ޖެހިޖެހިގެން ތިން ފަހަރު ޔޫރޮޕާ ލީގު ކާމިޔާބުކޮށްދީފައެވެ.

އެމެރީގެ ބަދަލުގައި އާސެނަލްގެ ވަގުތީ ކޯޗަކަށް ހަމަޖެއްސި ލިއުންބާގް ވަނީ 1998 އިން 2007 އަށް އާސެނަލަށް ކުޅެދީ އެ ޓީމާއެކު ޕްރިމިއާ ލީގު ދެ ފަހަރު ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި މެޗަކުން ބަލިނުވެ 2004 ވަނަ އަހަރު ލީގު ކާމިޔާބުކުރުން ހިމެނެއެވެ.