ރައީސް އަބްދުﷲ ޔާމީން މާލޭ ޖަލުގައި ހުންނެވި ގޮޅީގެ ހާލަތު ވަރަށް ދަށް ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ރައީސް ޔާމީން ހުންނެވި ޖަލަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ޒިޔާރަތް ކުރުމަށްފަހު ދެއްވި އިންޓަވިއުއެއްގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ މާލޭ ޖަލުގައި ހުންނެވި ގޮޅިއަކީ އެމަނިކުފާނު ކުރީގެ ރައީސަކު ބެހެއްޓުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށާއި ސިއްހީ ގޮތުން މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެނދުކޮޅަކީވެސް ވަރަށް އާދައިގެ ރަނގަޅަށް ހަށިކޮޅު ދަމާ ނުލެވޭ ގޮތަށް ހުރި އެނދެއްކަމަށާއި އެތަނުގައި ފާހަނަ ބޭނުންކުރުމުގެ އެންމެ އެދެވޭ އިންތިޒާމެއްވެސް ހަމަޖެހިފައިނުވާ ކަމަށް ރައީސް ޔާމީނާ ހަވާލާދީ ޖަލުގެ ހާލަތު ބަޔާން ކޮށްދެއްވަމުން ޖަމީލް ވިދާޅުވި އެވެ.

އެފަދަ ހާލަތުގައި ހުރި ތަނެއްގައި މީހުން ބެހެއްޓުމުގެ ސަބަބުން މީގެ ކުރިންވެސް ބައެއް ކަހަލަ ހާލަތްތައް މެދުވެރިވެފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން ގެކޮޅުގައި ހުންނެވޭނެ ގޮތް ހަދައިދިނުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ޖަމީލް ވިދާޅުވިއެވެ. ސަބަބަކީ ސްޓްރެސްފުލް މާހައުލެއްގައި އުޅުއްވަން ޖެހިވަޑައިގެންނެވުމުން ސިއްހީ ގޮތުން ޔާމީނަށް މީގެ ކުރިންވެސް މައްސަަލަތައް ކުރިމަތިވެވަޑައިގެންފައިވާތީ ކަމަށް ޖަމީލް ވިދާޅުވިއެވެ. މީގެ ކުރިންވެސް ދައުލަތުން އެގޮތަށް ކަންތައް ކޮށްދީފައި އެބަހުރި ކަމަށާއި ބައެއް ބޭފުޅުން މިހާރު ވެސް ގޭގައި ބައިތިއްބާފައި އެބަތިބި ކަމަށް ވިދާޅުވިއެވެ.

ހުކުރު ދުވަހުގެރޭގެ ވަގުތެއްގައި ބޭއްވި ޕްރެސްއެއްގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ ސަމާލުކަމަށް އެކަން ގެންނެވުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް މިކަން ގެނައުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ސީދާ ރައީސަށް ގުޅުއްވުމުން ފޯނު ނުނެންގެވުމުން މެސެޖް ކޮށްފައިވާނެކަަމަަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީން ހުކުމް ތަންފީޒު ކުރައްވާނީ މާލޭ ޖަލުގައި ކަމެއް އަދި ކަރެކްޝަންސް އިން ނިންމާފައި ނުވެ އެވެ. ކަރެކްޝަންސް އިން އިއްޔެ ބުނި ގޮތުގައި ރައީސް ޔާމީން ބަހައްޓަވާނެ ޖަލެއް ނިންމަވާނީ އެސެސްމަންޓަށް ފަހު ކަމަށެވެ. އަދި މިއަދު ކަރެކްޝަންސް އިން ވަނީ އެމަނިކުފާނުގެ ޓެސްޓުތައް ހެދުމަށް އައިޖީއެމްއެޗަށް ވެސް ގެންގޮސްފަ އެވެ.