ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުގެ އުދުވާނީ ބާރުތަކުން ބަޑިޖަހައި ފަލަސްތީނުގެ ޒުވާން ކުއްޖަކު ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ މި ކުއްޖާގެ ގަޔަށް އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހާފައިވަނީ ޣައްޒާގެ އުތުރުގެ ޚާން ޔޫނިސް އަވަށުގައެވެ. އިސްރާއީލު ސިފައިން ޖެހި ބަޑީގެ ވަޒަން އަރާފައިވަނީ އޭނާގެ ބަނޑަށެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލާފައިވަނީ އުމުރުން 16 އަހަރުގެ ފަހުދު މުހަންމަދު އަލް އަސްތަލް ނަމަކަށްކިޔާ ކުއްޖެއް ކަމަށެވެ. އޭނާގެ ގަޔަށް ބަޑިޖަހާފައިވަނީ އިސްރާއީލު ސިފައިންގެ މީހަކު ފިހާހުރެ ކަމަށް ވެއެވެ.

އެކުއްޖާ ޝަހީދުވުމުގެ އިތުރުން، އިސްރާއީލުގެ އުދުވާނީ ސިފައިން މިއަދު ބަޑިޖެހުމުގެ ސަބަބުން އިތުރު ފަސްމީހުން ޒަޚަމްވި ކަމަށްވެސް ޣައްޒާ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

އިސްރާއީލު-ޣައްޒާ ވަކިކުރާ އިމުގައި ކޮންމެ ހުކުރު ދުވަހަކު ޣައްޒާގެ އާންމުން ކުރަމުންދާ އިހްތިޖާޖު މިއަދު ރަސްމީގޮތުން ނުބާއްވާގޮތަށް އޮތީ ނިންމާފައި ކަމަށް ވެއެވެ. އެހެންނަމަވެސް، ފަލަސްތީނުގެ ޒުވާން ކުދިންތަކެއް މިއަދުވެސް އިސްރާއީލުން ޖަހާފައިވާ ސަލާމަތީ ފެންސާ ގާތަށް ދިޔަކަމަށް ވެއެވެ. އެއީ، އިސްރާއީލުން ކަނޑައަޅާފައި އޮންނަ "ނޯގޯ" ޒޯނެވެ.

އެހެންޏާ، ފަލަސްތީނު މީހުން ޓައިރު އަންދައި އޮށްގާ އުކުމާއި، ސަލާމަތީ ފެންސު ހަލާކުކުރަން މަސައްކަތް ކުރަންފެށުމުން އިސްރާއީލުން ހަމަލާ ދިން ނަމަވެސް މިއަދު ހަމަލާ ދިނީ ކީއްވެގެންކަމެއް ސާފެއް ނުވެއެވެ.

2018 ވަނަ އަހަރުގެ މާޗްމަހުން ފެށިގެން ކޮންމެ ހުކުރު ދުވަހަކު ފަލަސްތީނުގެ އާންމުން އިސްރާއީލު-ޣައްޒާ ވަކިކުރާ އިމަށް ޖަމާވެ އިސްރާއީލާ ދެކޮޅަށް އިހުތިޖާޖު ކުރަމުން ގޮސްފައި އެވެ.

އޭގެފަހުން އިސްރާއީލުގެ އުދުވާނީ ސިފައިން ފަލަސްތީނު އާންމުންގެ ގަޔަށް ބަޑިޖަހައި މިހާތަނަށް 348 މީހުން ޝަހީދުކޮށް އެތައްހާސް ބަޔަކު ޒަޚަމްކޮށްލާފައި ވެއެވެ. ޒަޚަމް ކޮށްލުމުގެ ސަބަބުންވެސް ފަލަސްތީނުގެ އެތައްބަޔަކު ނުކުޅެދޭ މީހުންނަށް ވަނީ ވެފައެވެ.

ސަރަހައްދީ އިމުގައި ފަލަސްތީނު މީހުން އިހުތިޖާޖު ކުރަމުންގެންދަނީ، އިސްރާއީލުން ޣައްޒާ ހިސާރުކޮށް ދަތިކޮށް ބަންދުކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށާއި، އެމީހުން އުފަން ވަޒަނަށް އެނބުރި ދިއުމުގެ ހައްގު ދިނުމަށް ގޮވާލައެވެ.

ޣައްޒާގެ އާބާދީގައި ދެމިލިއަން މީހުން ހިމެނޭއިރު، އޭގެ ތެރެއިން %70 މީހުން ވަނީ ރެފިއުޖީންގެ ގޮތުގައި ރަޖިސްޓަރީކޮށްފައެވެ. އެމީހުން އުޅެމުންދަނީ ރެފިއުޖީންގެ ގޮތުގައި ވަރަށް ނިކަމެތި ހާލުގައެވެ. އެމީހުންނަކީ އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުން ގަދަކަމުން ބޭރުކޮށްލެވުނު މީހުންނެވެ.