އައިޝާ އަށް ބުރުގާ ޕިނެއް ދިރުވާލެވުނީ އުމުރުން އެންމެ 13 އަހަރުގައެވެ. ސްކޫލުގައި ހުއްޓާ ދިމާވި މި ހާދިސާއަކީ އައިޝާގެ މުޅި ދިރިއުޅުން ބުރުގާ ޕިނަކާ ހެދި ބަދަލުކޮށްލި ހާދިސާއެކެެވެ.

ޔުނިފޯމްގެ ބަންދުގައާއި ބުރުގާގައިވެސް އައިޝާ ޖަހަނީ ޕިނެވެ. ވަގުތަކީ އިންޓަރވަލް ގަޑި ކުޑަތަންވަމުން އައި ވަގުތަށްވާތީ އަވަހަށް ބަންދު ހެޔޮވަރުކޮށްލަންވެގެން ޕިން އަނގައިން ހިފަހައްޓާލާފައި ބަންދު ހެޔޮވަރުކުރަނިކޮށް ކުއްލިއަކަށް ރަގަބީލު ޖެއްސިއެެވެ. ލިބުނު ސިހުމާއިއެކު އައިޝާގެ ނޭވާ އެތެރެއަށް ދެމިލިވަގުތު ބުރުގާ ބިން އަނގައިގެ ތެރެއިން ގޮސް ކަރުގައި ތާށިވިއެވެ.

ކުއްލިއަކަށް ބެލް ޖެހީމަ ނޭވާ އެތެރެއަށް ލެވުނީ ސިއްސައިގެންގޮސް. ދެން ކަރުގަ ތާށިވީ. އޭރު ނޭވާވެސް ނުލެވޭ. ދެން ގެއަށް ގޮސް ފެންބުއީ. ދެން ފެންބުއީމަ އޭތިދިޔައީ އެތެރެއަށް. ދެން ގޭ މީހުން ކައިރީ ބުނިން މި އުޅެނީ ކަރަށް ޕިނެއް ގޮސްގެންނޭ. އެހިސާބުން ގެންދިޔައީ މުލީ ހޮސްޕިޓަލަށް.
އައިޝާ

މުލީ ހޮސްޕިޓަލުން ނެގި އެކްސްރޭ އިން ދެއްކި ގޮތުން ބުރުގާ ޕިން އޮތީ މެޔާއި ކައިރި، ހުރަށްވާހެން ހަރުލާފަ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އައިޝާ ކިޔައިދިނެވެ.

ވަގުތުން އެެރޭ މާލެއައީއެވެ. އެއީ 2007 ގައި ހިނގި ހާދިސާއަކަށްވެފައި އޭރު ރާއްޖޭއިން މިފަދަ އޮޕަރޭޝަން ކުރެވޭ ގޮތަކަށް ނުހުރެއެވެ. ނަމަވެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން އެންޑަސްކޮޕީ ހެދިއެވެ. އެންޑަސްކޮޕީއިން ޕިން އޮތްކަމަކަށް ނުދައްކައެވެ. އެހެންކަމުން އަނެއްކާވެސް އެކްސްރޭއެއް ނެގިއެވެ. އޭރު ޕިން އޮތީ ނޭވާލާހޮޅީގައިކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރުން ބުނިކަމަށް އައިޝާ ބުންޏެވެ. އިތުރު ފަރުވާ ދެވެން ނެތުމުން، ވީހާވެސް އަވަހަށް ރާއްޖެއިން ބޭރަށް ދިޔުމަށް ޑޮކްޓަރުން ލަފާދީފައި ވިޔަސް އެވަގުތު އަތްމަތި ދަތިކަމުން ޖެހުނީ އެޑްމިޓްވެގެން އައިޖީއެމްއެޗްގައި އޮންނަންކަމަށް އައިޝާ ކިޔައިދިނެވެ.

ކުއްޖަކަށް ދިރުވާލެވުނު ޕިންއެއް/ ފޮޓޯ: އައިޖީއެމްއެޗް

ޕިން އަނގަތެރެއަށް ދިޔަ ވަގުތުން ފެށިގެން ނޭވާލުމަކީވެސް އައިޝާއަށް ދަތިކަމެކެވެ. އެ ވަގުތުތަކުގައި ކުޑަމިނުން ކިނބިއްސެއްވެސް ނާޅާ ވޭތޯ ދުޢާކުރާކަމަށް އައިޝާ ބުންޏެވެ. އެއީ އެހާވެސް ވޭނުން ފުރިގެންވީ ވަގުތުތަކެކެވެ.

ކިނބިއްސެއް އެޅިޔަސް އޭތި މައްޗަށް އަރާފަ ކުއްލިއަކަށް ތިރިވެފަ ދެން ނޭވާ ހޮޅީގައި ތާށިވާ ގޮތްވަނީ. ވަރަށް ހާލުން ނޭވާވެސް ލެވެނީ. ދެން އަނެއްކާވެސް ފެންބުއީމަ ކުޑަކޮށްވެސް ރަގަޅުވަނީ. އެއްވެސް ކާއެއްޗެއްވެސް ކެއުން މަނާކޮށްފަ. އައިވީގުޅާފަ އޮތީ. ޕިން އެތެރެއަށް ދިޔުން މިއީ އެހާ ސީރިއަސް ކަމަކަށް ވެދާނެކަމަށް އޭރު ހިތަކަށްވެސް ނާރާ
އައިޝާ

ކުއްލިއަކަށް ރާއްޖެއިން ބޭރަށް ފުރަން ޖެހުމުން، އެހީ ހޯދަންވެސް އެހާ މަސައްކަތްކުރަން އައިޝާމެންނަށް ޖެހުނެވެ. ކަރުގަ އޮތް ޕިނާއިއެކީ 3 ދުވަސް އައިޖީއެމްއެޗްގައި އެޑްމިޓްވެގެން އޮތުމަށްފަހު 4 ވަނައަށް ވީ ދުވަހު އައިޝާއަށް ރާއްޖެއިން ބޭރަށް ދެވޭ ގޮތްވިއެވެ.

އިންޑިއާއަށް ދެވުމާއިއެކު ހެދި އެކްސްރޭ ފެނިފައި އައިޝާ ގޮވައިގެން ދިޔަ، އޭނާގެ ބޭބެގެ ހިތްވެސް ހުއްޓެން ދިޔަފަދައެވެ. ޕިން އޮތީ ފުއްޕާމޭގައި ނުޖެހި ކިރިޔާއެވެ. ޑޮކްޓަރުންނާއި ހަވާލާދީ އައިޝާ ބުނީ ޕިންގެ ތުނޑުކޮޅު ތިރިއަށްވާގޮތަށް އޮތުމުން ޕުއްޕާމެއަށް ހެރި އިންޓަރނަލް ބްލީޑެއް ވެއްޖެ ހާލަތެއްގައި ޑޮކްޓަރުންނަށްވެސް ކުރެވޭނެ އިތުރުކަމެއް ނެތްކަމަށް ޑޮކްޓަރުން ބުނިކަމަށެވެ. ހަމަ އެކަނި ކުރެވޭނެ ކަމަކީ ދުޢާކުރުންކަމަށް ބުނެފައި ޑޮކްޓަރުން އައިޝާގެ އޮޕަރޭޝަން ފެށިއެވެ.

ހޭލެވުނު އިރު ހުންނަނީ ނޭފަތް ބެނދިފަ. އޭގެ އަނެއް ދުވަހު އަނގަހުޅުވީމަ ތަދުވާތީ އެހީމަ ބުނީ ކަތުރުކަށިގަނޑު ނައްޓައިގެން ކަމަށް ޕިން ނެގީ. އެހެންވެސް ޕިން ނެގުނީ ހަމަ ކިރިޔާ
އައިޝާ

މިފަހަކަށް އައިސް އަނެއްކާވެސް ބުރުގާގައި ޖަހާ ޕިން ދިރުވާލެވިގެން ގިނަބަޔަކު އައިޖީއެމްއެޗަށް ދާއިރު މިއީ ނުރައްކާތެރިކަމެއްކަން ފާހަގަކޮށް މިކަމަށް ސަމާލުވުމަށް އެ ހޮސްޕިޓަލުން ދާދިފަހުންވަނީ އިލްތިމާސްކޮށްފައެވެ.

މިހިނގާ ނޮވެންބަރު މަސްތެރޭ އެކަނިވެސް 3 މީހަކަށް ޕިން ދިރުވާލެވިގެން އައިޖީއެމްއެޗުން ވަނީ އޮޕަރޭޝަންކޮށް އެ ޕިން ނަގާފައެވެ. މި އޮޕަރޭޝަންތަކުގައި 10 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ނޭވާހޮޅިން ބުރުގާ ޕިނެއް ނަގާފައިވާއިރު 19 އަހަރުގެ ޒުވާނެއްގެ ބަނޑުންވެސް ބުރުގާ ޕިނެއް ވަނީ ނަގާފައެވެ. މީގެ އިތުރުން ކުއްޖެއްގެ ޕުއްޕާމެއިން ވެސް ބުރުގާ ޕިނެއް ވަނީ ނަގާފައެވެ.

ކުއްޖަކަށް ދިރުވާލެވުނު ޕިންއެއް/ ފޮޓޯ: އައިޖީއެމްއެޗް

ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގައިވެސް މިފަދަ އޮޕަރޭޝަންތައް މިހާރު ކުރެވޭގޮތަށް ހުރިކަމުގައިވިޔަސް މިއީ އާދައިގެ ކަމެއްގެ ގޮތުގައި ދުށުމަކީ ފުރާނަ ގެއްލިގެން ހިނގައިދާނެ ފަދަ ކަމެކެވެ.

އެހެންކަމުން މިކަމަށް ސަމާލުވެ ބުރުގާ ޕިން އަނގަޔަށް ނުލުމަށް ޑޮކްޓަރުން އިލްތިމާސްކުރައްވާކަމަށް އައިޖީއެމްއެޗް ބުނެއެވެ.

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ބުރުގާ ޕިން ދިރުވާލެވިގެން 15 ހާދިސާއެއް ރިޕޯޓް ކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އޭގެ ތެރޭގައި އެންމެ ބޮޑަށް ހިމެނެނީ އުމުރުން 13 އަހަރާއި 30 އަހަރާ ދެމެދުގެ އަންހެނުންކަންވެސް އައިޖީއެމްއެޗުން ފާހަގަކުރެއެވެ.

ޕިނެއް ދިރުވާލެވިގެން އެ އުޅެންޖެހުނު ހާލަށް ވިސްނާފަ އަޅުގަނޑު ދަންނަވާނީ ބުރުގާ ޕިން އޮޅިގެންވެސް އަނގަޔަށް ނުލާށޭ. އެފަދަ އާދައެއް ހުރިނަމަ އަވަހަށް އެކަމެއް ހުއްޓާލާށޭ. އަޅުގަނޑު ދުނިޔޭގައި މިހުރީ ނަސީބު ގަދަކަމުންނޭ.
އައިޝާ

އައިޝާގެވެސް ނަސޭހަތަކީ މިއީއެވެ. ބުރުގާގައި ޖަހަން ޕިން ބޭނުންކުރާށެވެ. ނަމަވެސް ޕިން އަނގަޔަށް ނުލާށެވެ.