ދަތުރުވެރިންގެ މާރުކޭޓު ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

ގޮޅިތަކަށް އެދޭނީ އެކަމަށް ހާއްސަކޮށް މާލޭ ސިޓީ ކައުންސިލުން ދޫކުރާ ފޯމުންކަމަށާއި، ފޯމް ބަލައިގަންނާނީ ކަނޑައެޅިފައިވާ މުއްދަތުގައި ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށްކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ފޯމާއެކު ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރުމާބެހޭ މައުލޫމާތު ޝީޓު ލިބޭނޭ ކަމަށް ކައުންސިލުން ބުނެއެވެ.

އަލަށް ތަރައްގީ ކުރާ 63 ގޮޅީގައި، 6 ފޫޓު ބަޔާއި 8 ފޫޓް ހުރެއެވެ. ކުރިން މާރުކޭޓް ގޮޅިތަކުގައި ހުންނަނީ 4 ފޫޓާއި 7 ފޫޓެވެ.

މާރުކޭޓު އަލުން ހުޅުވާއިރު އެތަނުގައި ވިއްކޭނީ ހަމައެކަނި ރާއްޖޭގައި ހައްދާ، ރާއްޖޭގައި އުފައްދާ ބާވަތްތައް ކަމަށާއި އެނޫން ތަކެތި ވިއްކާނަމަ މީރާގައި ރަޖިސްޓަރީ ކުރަން ޖެހޭނެކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

މާރުކޭޓަށް ގެންނަ ބަދަލުތަކުގެ ތެރޭގައި، ގޮޅިތަކާ ހަވާލުވެ ތިބޭ ފަރާތްތަކުން ކުނި އުކާލުމުގެ ކަންކަން ކުރަންޖެހޭނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މީގެ އިތުރުން ބޭރު މީހުންނަށް އެހީތެރިންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެހެންނަމަވެސް ގޮޅި ހިންގުމަށް ބޭރު މީހުންނާ ހަވާލުނުކުރެވޭނެ ކަމުގައިވެސް ބުނެއެވެެ.

ސިޓީ ކައުންސިލުން ބުނީ އަލަށް ގޮޅިތައް ތަރައްގީކޮށް ނިމޭއިރު ރަށްރަށުން ގެންނަ ތަކެތި ވިއްކުމަށްވެސް ޚާއްސަ ގޮޅިތަކެއް ހުންނާނެ އެވެ.

ދަތުރުވެރިންގެ މާރުކޭޓް މިހާރު ހުސްކޮށްފައިވާއިރު އެތަން ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ދަތުރުވެރިންގެ މާރުކޭޓް އިތުރަށް ތަރައްގީކުރުމަށް ބަންދު ކުރިއިރު ގަވާއިދާ އެއްގޮތަށް ވިޔަފާރިކުރަމުންދާ ދިވެހިންނަށް ލޯކަލް މާރުކޭޓު ސަރަޙައްދުން ވަނީ ޖާގަ ދީފައެވެ. އެތަން ބަންދުުކުރިއިރު މާރުކޭޓުގައި 160 ގޮޅި ހުރެއެވެ.