ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއިއެކު އަދުލު އިންސާފު ޤާއިމްކޮށް ހައްޤުތައް ކަށަވަރުކޮށްދިނުމާއި، ގެއްލިފައިވާ ހައްޤުތަކާއި މުދާ އަނބުރާ ހޯދުމަކީ ކެތްތެރިކަމާއި ޙިކުމަތްތެރިކަަން އިސްކޮށްގެން ނޫން ގޮތަކަށް ކުރެވޭނެކަމެއް ނޫންކަމަށް ހޯމް މިނިސްޓަރ ޝެއިޚް އިމްރާން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ރޭ، ކުރައްވާފައިވާ ޓްވީޓެއްގައެވެ.

މިނިސްޓަރ މިހެން ޓްވީޓުކުރައްވާފައި މިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމިނު ހައްޔަރު ނުކޮށްގެން މީގެކުރިން ގިނަ ބަޔަކު އެވާހަކަދައްކާ ފާޑުކިޔަމުންދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު އެމަނިކުފާނު ޖަލަށްލާން ކްރިމިނަލްކޯޓުން ހުކުމްކޮށް ޖަލަށްލާފައި ވަނިކޮށެވެ.

ކުރީގެ ރައީސް އަބްދުއްﷲ ޔާމިންގެ މައްޗަށްކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، 5 އަހަރު ދުވަހުގެ ޖަލުހުކުމެއް އިއްވާ 5 މިލިޔަން ޑޮލަރުން ޖޫރިމަނާކޮށްފައިވަނީ މިމަހުގެ 28ވަނަ ދުވަހުއެވެ. ރައީސް ޔާމިން ބަހައްޓާާފައި ހުރީ މާލޭ ޖަލުގައެވެ.

އެމަނިކުފާނު މާލޭ ޖަލުގައި ހުންނެވި ގޮޅީގެ ހާލަތު ވަރަށް ދަށް ކަމަށާއި އެއީ އެމަނިކުފާނު ހުންނެވުމަށް ސިއްހީ ގޮތުން އެކަށީގެންވާ ތަނެއް ނޫން ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވަނީބުނެފައެވެެ.

ޤާނޫނީ ޓީމުގެ ފަރާތުން ވާހަކަ ދައްކަވަމުން ކުރީގެ ނައިބުރައީސް ޑރ މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ ޔާމީނަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން ގެކޮޅުގައި ހުންނެވޭނެ ގޮތް ހަދައިދިނުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. ދައުލަތުން އެގޮތަށް ކަންތައް ކޮށްދީފައި އެބަހުރި ކަމަށާއި ބައެއް ބޭފުޅުން މިހާރު ވެސް ގޭގައި ބައިތިއްބާފައި އެބަތިބި ކަމަށް ވެސް ވިދާޅުވި އެވެ.

މިގޮތަށް އެދިވަޑައިގަންނަވަނީ ސްޓްރެސްފުލް މާހައުލެއްގައި އުޅުއްވަން ޖެހިވަޑައިގެންނެވުމުން ސިއްހީ ގޮތުން ރައީސް ޔާމީނަށް މީގެ ކުރިން މައްސަަލަތައް ކުރިމަތިވެވަޑައިގެންފައި ވާތީވެސް ޖަމީލު ވަނީ ވިދާޅުވެފައެވެ.

ރައިސް ޔާމިން ހުންނެވި ޖަލު ސަރަހައްދުގައި ހުކުރު ދުވަހުގެ ރޭ ވަނީ އެމަނިކުފާނަށް ތައީދުކުރާ ފަރާތްތަކުން މުޒާހަރާވެސްކޮށްފައެވެ.