ރައީސް ޔާމީން މާފުށީ ޖަލަށް ބަދަލުކޮށްފިއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް އާސިފް ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.

ހޮނިހިރު ދުވަހުގެ ވަގުތެއްގައި މާފުށީ ޖަލަށް ބަދަލުކުރާނެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ މީގެ ކުރިންވެސް ބުނެފައެވެ.

ރައީސް ޔާމިން، ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ މެޑިކަލް އެސެސްމަންޓްތަކާއި އެހެނިހެންވެސް އިޖުރާއަތްތައް ފުރިހަމަކޮށްފައިވާތީ، ހޮނިހިރު ދުވަހުގެ ވަގުތެއްގައި މާފުށީ ޖަލަށް ބަދަލުކުރައްވާނެކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން މާފުށީ ޖަލަށް ބަދަލުކޮށްފައިވާއިރު، އެމަނިކުފާނު މާލޭ ޖަލުގައި ހުންނެވި ގޮޅީގެ ހާލަތާމެދު ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ރައީސް ޔާމީނަށް އަނިޔާ ލިބެމުންދާކަމަށް ޝަކުވާ ހުށައެޅުމާ ގުޅިގެން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ވަނީ ޖަލަށް ޒިޔާރަތްކޮށްފައެވެ.

އެޗުއާރުސީއެމްގެ ތިން ބޭފުޅަކު ޖަލަށް ޒިޔާރަތް ކުރެއްވުމަށް، ހުއްދަ ދެއްވާފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވަނީ ވިދާޅުވެފައެވެ.

ގާނޫނީ ވަކީލުންގެ ޓީމުން މީޑިޔާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ރައީސް ޔާމިން ހުންނެވީ، ކުރީގެ ރައީސަކު ބެހެއްޓުމަށް އެންމެ އެކަށީގެންވާ ތަނެއްގައި ނޫން ކަމަށާއި އެތަނުގައި ސިއްހީ ގޮތުންވެސް ފާހަގަކުރެވޭ މައްސަލަތަކެއް ހުރިކަން އެޓީމުން ވަނީ ފާހަގަކޮށްފައެވެ.

ރައީސް ޔާމިން ހުންނެވި ގޮޅީގައި ހުރި އެނދަކީވެސް ވަރަށް އާދައިގެ، ރަނގަޅަށް ހަށިކޮޅު ދަމާ ނުލެވޭ ގޮތަށް ހުރި އެނދެއްކަމަށާއި އެތަނުގައި ފާހާނާ ބޭނުންކުރުމުގެ އެންމެ އެދެވޭ އިންތިޒާމެއްވެސް ހަމަޖެހިފައިނުވާ ކަމަށް ރައީސް ޔާމީނާ ހަވާލާދީ ޖަލުގެ ހާލަތު ބަޔާން ކޮށްދެމުން ގާނޫނީ ޓީމުން ވަނީ ބުނެފައެވެ.