ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް ދެނެގަނެ، އެކަންކަން ރަނގަޅުކުރުމުގެ މަޝްވަރާތައް ކުރުމަށް ޓުއަރިޒަމް މިނިސްޓަރ ތިން އަތޮޅަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދެ އަތޮޅެއްގައި މި މަޝްވަރާތައް ކޮށްފިއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފަތުރުވެރިކަން ތަރައްގީކޮށް، ކުރިއެރުވައި މިކަމަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަން ރަނގަޅުކުރުމަށްޓަކައި، ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ގެންދަވަނީ ނޮވެމްބަރު 28 އިން ޑިސެމްބަރު 1 އަށް ތިން އަތޮޅަކަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ. މި ދަތުރުފުޅު ކުރައްވަމުންގެންދަވަނީ ނ، ރ އަދި ޅ އަތޮޅަށެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ އަލީ ވަހީދު މިހާރު ވަނީ ނ އަތޮޅާއި، ރ އަތޮޅުގައި މި ބައްދަލުވުންތައް ބާއްވާފައެވެ. އެގޮތުން މި ދެއަތޮޅުގެ، ރިސޯޓްތަކުގެ އިސް ފަރާތްތަކާއި، ކައުންސިލްގެ އިސްފަރާތްތަކާއި، މި ދެ އަތޮޅުގެ މަޖިލިސް މެމްބަރުންނާ ބައްދަލުކޮށް، ފަތުރުވެރިކަމުގެ ސިނާއަތަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ މި ބައްދަލުވުންތަކުގެ މައިގަނޑު މަގްސަދަކީ އަތޮޅުތަކުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރެވޭނެ ގޮތްތައް ހޯދައިދިނުމާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން އަތޮޅުގެ އާންމު ރައްޔިތުންނަށްހުރި އެހެނިހެން ފުރުސަތުތައް އިތުރުކުރުން ކަމުގައެވެ.

އަދި ފަތުރުވެރިކަމުގެ ދާއިރާއިން "ކޯޕަރޭޓް ސްކޮލާޝިޕް ރެސްޕޮންސިބިލިޓީ"ގެ ދަށުން އަތޮޅަށް ލިބޭ ފައިދާތައް އިތުރުކުރުމަކީވެސް މި ބައްދަލުވުންތަކުގެ މަގްސަދެއްކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން މި މަޝްވަރާތަކުގެ ތެރެއިން ފަތުރުވެރިންގެ ސަލާމަތާއި، ރައްކާތެރިކަމާ ގުޅޭގޮތުން ސަމާލުކަން ދޭންޖެހޭ ކަންކަމާއި، އަަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކުރުމުގެ މަޝްވަރާވެސް ކުރިއަށްދާނެ ކަމަށް ބުނެފައިވެއެވެ. އަދި ފަތުރުވެރިކަމުގެ ބޭނުމަށް ކަނޑައަޅާ ޓުއަރިޒަމް ޒޯން ކަނޑައެޅުމާ ގުޅޭގޮތުންވެސް މައުލޫމާތު ދިނުން ކުރިއަށްދާނެ ކަމަށް ބަޔާނުގައިވެއެވެ.