ސަައުތު އޭޝިއަން ގޭމްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓުގެ ޝެޑިއުލަށް ގެނައި ބަދަލަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވެއްޖެ އެވެ.

ގޭމްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓުގެ ފޯމެޓަށް ބަދަލުގެނައީ މި ބައިގައި ވާދަކުރާ އިންޑިއާ ގޭމްސްއިން ވަކިވުމާ ގުޅިގެންނެވެ.

ކުރިން މުބާރާތް ކުރިޔަށްގެންދިޔުމަށް ނިންމާފައި އޮތީ ގްރޫޕް ސްޓޭޖު މެޗުތައް ކުޅުމަށްފަހު، ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. އެކަމަކު މުބާރާތުން އިންޑިއާ ވަކިވުމުން، ދެން މުބާރާތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ލީގު އުސޫލުންނެވެ.

ލީގު ބުރުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ސްރީލަންކާ، ބޫޓާން އަދި ނޭޕާލް އެވެ. ލީގު ބުރުގެ ކުޅުން ނިމުމަށްފަހު، އެންމެ ގިނަ ޕޮއިންޓު ހޯދާފައިވާ ދެ ޓީމު ފައިނަލަށް ދަތުރުކުރާނެ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުބާރާތުގެ ގުރުނެގުމަށް ފަހު ފޯމެޓާއި މެޗު ޝެޑިއުލަށް ބަދަލު ގެނައުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އައު ޝެޑިއުލްގެ ދަށުން ކޮންމެ ޓީމަކަށް ކޮންމެ މެޗަކަށް ފަހު އަނެއް މެޗުގެ ކުރިން އަރާމުކުރަން ލިބެނީ 24 ގަޑިއިރަށް ވުރެ މަދު ވަގުތު ކޮޅެއް ކަމަށާއި މިކަމުގައި ރާއްޖޭން ހެދި ދެކޮޅު ހެދުންތަކަށް، ނޭޕާލްގެ އޮލިމްޕިކް ކޮމިޓީ އާއި ނޭޕާލްގެ ފުޓްބޯޅަ އެސޯސިއޭޝަނުންވެސް އެދެވޭ ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.

ލީގު ބުރުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި އަންގާރަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، ތިންވަނަ މެޗުގައި ބޫޓާން އާއި ދެކޮޅަށް ނުކުންނާނީ ބުރާސްފަތި ދުވަހު އެވެ. އަދި ލީގު ބުރުގައި ކުޅޭ ފަހު މެޗުގައި ހުކުރު ދުވަހު ނުކުންނާނީ މުބާރާތް ބާއްވާ ނޭޕާލާ ދެކޮޅަށެވެ.

ސައުތު އޭޝިއަން ގޭމްސްގައި ފުޓްބޯޅަ އިވެންޓުގައި ވާދަކުރާ ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގައި ދޮށީ އުމުރުގެ ތިން ކުޅުންތެރިންގެ ގޮތުގައި ހިމަނާފައިވަނީ ގައުމީ ސީނިއާ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ގަނީ (އަކޫ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ.