ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުވެ ކުރި ފަސް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް އިއްވާފައިިވާ ފަސް އަހަރުދުވަހުގެ ޖަލު ހުކުމް އެމަނިކުފާނުގެ ގާނޫނީ ޓީމުގެ ފަރާތުން ހައިކޯޓުގައި މިއަދު އިސްތިއުނާފަށް ހުށަހަޅާފައިވާނެ ކަމަށެވެ.

އިސްތިއުނާފަށް ހުށަހެޅިއިރު އިތުރު ދެކަމަކަށް އެދިފައިވާނެ ކަމަށާއި، އެއީ ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށް ދިނުމަށާއި އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ އަމުރަކަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމަށް ފަހު ދެދުވަސް ވަންދެން އެމަނިކުފާނު މާލެ ޖަލުގައި ބެހެއްޓުމަށް ފަހު ގައިދީންނާމެދު އަމަލުކުރާ އާންމު އުސޫލުގެ ދަށުން މެޑިކަލް ޗެކަޕް ހެދުމަށް ފަހު އެމަނިކުފާނު ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފައެވެ.

ރައީސް ޔާމީން މާލޭ ޖަލުގައި ބަހައްޓާފައި ހުރިއިރު އެމަނިކުފާނު ހުންނެވި ގޮޅީގެ ހާލަތު ދަށް ކަމަށްބުނެވެސް އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި މާފުށީ ޖަލުގައި ހާއްސަ ބޭފުޅުންނަށް، ސިޔާސީ އިސް ބޭފުޅުންނަށް ތައްޔާރު ކުރެވިފައިވާ ބައެއް ހުންނާނެ ކަމަށާއި ރައީސް ޔާމީން ބަދަލުކުރީ އެފަދަ ރޫމަކަށް ކަމެއް ނޫނީ އާދައިގެ ގޮޅިއަކަށް ކަމެއް އަދި ސާފު ނުވާ ކަމަށެވެ. އެކަން މިހާރު ބަދަލުމްދާ ކަމަށާ އެނގުނުހާ އަވަހަކަށް އެމައުލޫމާތުތައް ހިއްސާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ބަލައިނުގަންނަ ކަމަށެވެ. އަދި އެއީ ސިޔާސީ ހުކުމެއް ކަމަށާއި އެ ހުކުމުގެ ފަހަތުގައި ސަރުކާރު ކޯލިޝަންގައި ތިއްބެވި ޕާޓީތަކުގެ ބޭފުޅުން ތިއްބެވި ކަމަށް އަބްދުއްރަހީމް ވަނީ ތަކުރާރު ކުރައްވައި ތުހުމަތު ކުރައްވާފައެވެ. އަދި ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށްވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.

އެގޮތުން ޕީޕީއެމް/ޕީއެންސީން ވަނީ އަންނަ ހުކުރު ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައިފައެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކޮންމެ ރެއަކު މުޒާހަރާ ކުރުމަށްވެސް އިދިކޮޅުން ވަނީ ނިންމާފައެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކޮށް ހުކުމްކޮށްފައެވެ.