ހއ. މާރަންދޫ ޔޫތު ސޮސައިޓީން އިންތިޒާމުކޮށްގެން އެ ރަށުގައި ބޭއްވި 12 ވަނަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެފްސީ އޯލް ޔުނައިޓެޑް ހޯދައިފި އެވެ.

މިއަހަރުގެ މުބާރާތުގައި ފަސް ޓީމެއް ވަނީ ވާދަކޮށްފައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ވާދަކުރި ޓީމުތަކަކީ ފިޓްނަސް ޓީމު، ޗެޕޭ ސްޕޯޓްސް އެކެޑަމީ، ބަނޑޭރި ސްޓާ ސްޕޯޓްސް ކްލަބު، އެފްސީ އޯލް ޔުނައިޓެޑް އަދި އެފްސީ އިންޖަރީ އެވެ.

މުބާރާތުގެ ޗެމްޕިއަންކަން އެފްސީ އޯލް ޔުނައިޓެޑް ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި އެފްސީ އިންޖަރީއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 3-0 އިން މޮޅުވެގެންނެވެ.

މާރަންދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމުންކުރެ ޓީމަކަށް ގޯލެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އެފްސީ އޯލް ޔުނައިޓެޑުން 3 ޕެނަލްޓީ ކާމިޔާބުކުރިއިރު، އެފްސީ އިންޖަރީއަށް ޕެނަލްޓީއެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވުނީ އެފްސީ އޯލް ޔުނައިޓެޑްގެ ހުސެއިން އާދަމެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިންއިރު، ރަނަރަޕް ޓީމަށް 3،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.