ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ނުހުއްޓި އިތުރަށް ވަރުގަދަވަމުން ދިއުމާއި، ސަލާމަތީ ބާރުތަކުން ބަޑިޖަހައި އެތައްބަޔަކު މަރާލުމާ ގުޅިގެން ފިއްތުންތައް ބޮޑުވެ އިރާގުގެ ބޮޑުވަޒީރު އާދިލް އަބްދުލް މަހްދީ އެންމެފަހުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.

ބޮޑުވަޒީރު އާދިލް އަބްދުލް މަހްދީ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި އެކަން އިޢްލާން ކުރެއްވީ، އިރާގު ސަރުކާރަށް ދެމުން އަންނަ ތައީދާމެދު އަލުން ވިސްނުމަށް އިރާގުގެ ނުފޫޒުގަދަ ރޫހީ ލީޑަރު އާޔަތުﷲ އަލީ އަލް ސިސްތާނީ ޕާލަމެންޓް މެމްބަރުންނަށް ގޮވާލެއްވުމާ ގުޅިގެންނެވެ.

އީރާގުގެ ވެރިރަށް ބަޣުދާދާއި އިރާގުގެ ދެކުނުގެ ރަށްތަކުގެ މަގުތަކަށް އާންމުން ނުކުމެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މުޒާހަރާކުރަން ފެށުން ވެގެންދިޔައީ، ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ އިރާގުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، މަދަނީ ހަމަނުޖެހުންތަކާއި، ދަތިކުރުންތައް ތަހައްމަލް ކުރަމުންދާ އިރާގަށް ކުރިމަތިވި އިތުރު ގޮންޖެހުމަކަށެވެ.

އާންމުން މަގުތަކަށް ނުކުތީ، ވެރިކަންކުރާ މަތީފަޑީގެ ސިޔާސީ މީހުންގެ މެދުގައި ކޮރަޕްޝަން އާންމުވުމާއި، ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމައި ސަރުކާރު ފެއިލްވުމާއި، ވަޒީފާ ނެތުމުގެ މައްސަލަތަކާ ހެދިއެވެ.

އެމެރިކާއިން އިރާގަށް އަރައިގަނެ ސައްދާމް ހުސައިންގެ ވެރިކަން ވައްޓާލިފަހުން އިރާގުގެ ވެރިކަމުގެ މައްޗަށް އަތްގަދަ ކޮށްފައިވަނީ ޝީއީ ސިޔާސީ ލީޑަރުންނާއި، ޝީއީ ދަންނަބޭކަލުންނާއި، ޕާލަމެންޓް މެމްބަރުންގެ އިތުރުން، ސައްދާމްގެ ވެރިކަން ވައްޓާލިއިރު ގައުމުން ބޭރުގައި ދިރިއުޅެމުން ގެންދިޔަ ފަރާތްތަކުންނެވެ.

"ސިސްތާނީ ގެ ގޮވާލެއްވުމަށް ވީހާވެސް އަވަސްމަގުން ފިޔަވަޅު އެޅުމުގެ ގޮތުން އަޅުގަނޑު މިހާރުގެ ސަރުކާރުގެ ބޮޑުވަޒީރުކަމުން އިސްތިއުފާދީ އެކަން ގަބޫލުކުރުމަށް ޕާލަމެންޓަށް ހުށަހަޅާނަން" އިރާގުގެ ބޮޑުވަޒީރު އާދިލް އަބްދުލް މަހްދީ

ބޮޑުވަޒީރު ސޮއިކުރައްވައި ނެރުއްވި ބަޔާނެއްގައި މިކަން ހާމަކުރައްވާފައި ވީނަމަވެސް، މަގާމުން އިސްތިއުފާ ދެއްވާނީ ކޮން އިރަކުކަމެއް ބަޔާނުގައި ވިދާޅުވެފައެއް ނުވެއެވެ. އެކަމަކު، މިހާރުގެ ހާލަތާ ގުޅޭގޮތުން އިރާގުގެ ޕާލަމެންޓްގެ ކުއްލި ޖަލްސާއެއް މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ބޮޑުވަޒީރުގެ އިސްތިއުފާއާ ގުޅިގެން މުޒާހަރާކުރާ މީހުން ބުނެފައިވަނީ، މަހްދީ އިސްތިއުފާ ދިނުމަކުން ނުފުދޭ ކަމަށާއި، ސިޔާސީ މައިދާނުގައި ވަކި ހިއްޕާލައިގެން ތިބި އެންމެން މަގާމުތަކުން ދުރުކުރަންދެން އެމީހުން މުޒަހަރާތައް ހުއްޓާނުލާނޭ ކަމަށާއި، ތިބޭނީ މަގުތަކުގައި ކަމަށެވެ.

"އަބްދުލް މަހްދީގެ އިސްތިއުފާއަކީ ފެށުމެއް. މިހާރުގެ ސަރުކާރާއި، ކޮރަޕްޓްވެފައި ތިބި ހުރިހާ ޕޮލިޓިޝަނުން އެއްކޮށް ދާންދެން އަހަރެމެން މަގުތަކުގައި ތިބޭނަން" މުޒަހަރާގެ ބައިވެރިއެއް

އިރާގުގެ ދެކުނުގައި މިއަދުވެސް ވަރުގަދަ މުޒާހަރާތަކެއް ކޮށްފައި ވެއެވެ. ނާސިރިއްޔާގައި މުޒާހަރާ ކުރަމުންދިޔަ މީހުންގެ ތެރެއަށް ސިފައިން ބަޑިޖަހައި މިއަދުވެސް ތިންމީހުން މަރާލާފައި ވެއެވެ. ނަޖަފްގެ މުޒާހަރާގެ ތެރެއަށް ކޮން ބައެއްކަން ނެނގޭ ބަޔަކު ވަނީ ބަޑިޖަހައި މުޒާހަރާގެ ބައިވެރިން ފައްސާލުމަށް މަސައްކަތް ކޮށްފައެވެ.

ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުންދާ މީހުންގެ ގަޔަށް އިރާގު ސިފައިން ބަޑިޖަހައި މިހާތަނަށް 400 އާ ގާތްކުރާ އަދަދަކަށް މީހުން މަރާލާފައި ވާއިރު، މަރުވެފައިވާ ގިނަ މީހުންނަކީ ޒުވާން ފިރިހެނުންނެވެ.

މުޒާހަރާގެ ބައިވެރިންނާއި، ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ފުލުހުންނާއި ސިފައިންގެ އެތައް ބަޔަކުވެސް މަރުވެފައި ވެއެވެ.

އިރާގުގައި ކުރަމުންދާ މުޒާހަރާތަކުގައި އެންމެ ބޮޑު ލޭއޮހޮރުވުންތަކެއް ހިނގާފައިވަނީ އިއްޔެއެވެ. އެއީ، ނަޖަފްގައި ހުރި އީރާނު ކޮންސިއުލޭޓްގައި ބުދަދުވަހު ބަޔަކު ހުޅުޖެހުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން އިރާގެ ސަލާމަތީ ބާރުތަކުން އިތުރު ހަރުކަށިކަން ދައްކައި ބަޑިޖަހައި އިރާގުގެ އެކި ހިސާބުތަކުން އިއްޔެ 60 މީހުން މަރާލާފައި ވެއެވެ.