އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރައިޓަން އަތުން 2-1 އިން މޮޅުވެ، ތާވަލުގެ އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ލިވަޕޫލުން ނަގައިފި އެވެ.

ލިވަޕޫލަށް 11 ޕޮއިންޓުގެ ލީޑެއް ލިބުނީ މިރޭ ބްރައިޓަން އަތުން މޮޅުވެ، ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިރޭ ކުޅުނު މެޗުން ނިއުކާސަލް ޔުނައިޓެޑާ 2-2 އިން އެއްވަރުވުމުންނެވެ. އެއްވަނައިގައި އޮތް ލިވަޕޫލަށް 14 މެޗުން 40 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް ސިޓީއަށް 14 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ. އަދި ތާވަލުގެ ތިންވަނައިގައި އޮތް ލެސްޓާ ސިޓީއަށް 13 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ. އެހެންކަމުން ލީގުގައި މާދަމާ އެވަޓަން އަތުން ލެސްޓާ މޮޅުވެއްޖެނަމަ، ލިވަޕޫލްގެ ލީޑު 8 ޕޮއިންޓަށް ކުޑަވާނެ އެވެ.

ލިވަޕޫލްގެ ދަނޑުގައި މިރޭ ކުޅުނު މެޗުން އެޓީމު މޮޅުވިއިރު، ލީގުގައި އެންމެ ފަހުން ކުޅުނު 31 މެޗުން އެޓީމު ބަލިވެފައެއް ނުވެއެވެ. މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފައެވެ. އެގޮތުން 18 ވަނަ މިނެޓުގައި ޓްރެންޓް އަލެކްސަންޑާ-އާނޯލްޑް ހުރަސްކޮށްދިން ބޯޅައަކުން ލިވަޕޫލްގެ ފުރަތަމަ ގޯލް ޖެހީ ވާޖިލް ވެން ޑައިކެވެ. އަދި އޭގެ ހަ މިނެޓު ފަހުން އާނޯލްޑް ނަގައިދިން ކޯނަރަކުން ލިވަޕޫލްގެ ދެވަނަ ގޯލުވެސް ޖަހައިދިނީ ވެން ޑައިކެވެ.

ދެވަނަ ހާފުގައި ލިވަޕޫލްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާއަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް ރަތް ކާޑު ދެއްކީ އޭރިއާ ބޭރުން ބޯޅައިގައި އަތްލުމާއި ގުޅިގެންނެވެ. އޭގެ ފައިދާ ނަގާ 79 ވަނަ މިނެޓުގައި ލުއިސް ޑަންކް ވަނީ ބްރައިޓަންއަށް ފަރަގުކުޑަކޮށްދީފައެވެ. އެއާއެކު ލިވަޕޫލް ޕްރެޝަރަށް ވެއްޓުނު ނަމަވެސް، އެޓީމުން ވަނީ އިތުރު ގޯލެއް ބައިކޮޅަށް ވަނަ ނުދީ މެޗުން 3 ޕޮއިންޓު ހޯދާފައެވެ.

ނިއުކާސަލް އާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން ---

ނިއުކާސަލްގެ ދަނޑުގައި މިރޭ ކުޅުނު މެޗުން ސިޓީ އެއްވަރުވިއިރު، މި މެޗުގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ ސިޓީންނެވެ. އެގޮތުން 22 ވަނަ މިނެޓުގައި މި ގޯލް އެޓީމަށް ޖަހައިދިނީ ރަހީމް ސްޓާލިންއެވެ. އެކަމަކު ސިޓީއަށް ލީޑު ހިފަހައްޓާލެވުނީ ތިން މިނެޓަށެވެ. މެޗުގެ 25 ވަނަ މިނެޓުގައި ޖެޓްރޯ ވިލިއަމްސް ވަނީ ނިއުކާސަލްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގައި ސިޓީން ދެވަނަ ފަހަރަށް ލީޑު ނެގީ 82 ވަނަ މިނެޓުގައެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ކެވިން ޑި ބްރެއިނާ އެވެ. އެކަމަކު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޖޮންޖޯ ޝެލްވީ ވަނީ ނިއުކާސަލްއަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މީގެ އިތުރުން ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ލީގުގައި ޓޮޓެންހަމުން ކުޅުނު ދެވަނަ މެޗުން މިރޭ ވަނީ ބޯންމަތު އަތުން 3-2 އިން މޮޅުވެފައެވެ. އަދި އަމިއްލަ ދަނޑުގައި ކުޅުނު ޑާބީ މެޗުން މިރޭ ޗެލްސީ ވަނީ ވެސްޓް ހޭމް ޔުނައިޓެޑް އަތުން 1-0 އިން ބަލިވެފައެވެ.