ސްޕެނިޝް ލީގުގައި މިރޭ ޑެޕޯޓިވޯ އަލަވޭސް ބަލިކޮށް، ތާވަލުގެ އެއްވަނައަށް ރެއާލް މެޑްރިޑް ޖެހިލައިފި އެވެ.

މިރޭގެ މެޗުން މޮޅުވެ ރެއާލް އެއްވަނައަށް ޖެހިލީ ކުޅުނު 14 މެޗުން 31 ޕޮއިންޓު ހޯދައިގެންނެވެ. ތާވަލުގެ ދެވަނައިގައި އޮތް ބާސެލޯނާއަށް ކުޅުނު 13 މެޗުން ވަނީ 28 ޕޮއިންޓު ލިބިފައެވެ. އެހެންކަމުން ލީގުގައި މާދަމާރޭ ވާދަވެރި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، ތާވަލުގެ އެއްވަނައަށް އަލުން އެރުމުގެ ފުރުސަތު ބާސާއަށް އެބައޮތެވެ.

މިރޭ ރަށުން ބޭރުގައި ކުޅުނު މެޗުން ރެއާލް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިފައިނުވާއިރު، ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ރެއާލުން ވަނީ ލީޑު ނަގާފައެވެ. ޓޯނީ ކްރޫސް ހުރަސްކޮށްދިން ބޯޅައަކުން މި ގޯލް ޖެހީ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ.

އެކަމަކު 63 ވަނަ މިނެޓުގައި ރެއާލްގެ އޭރިއާ ތެރެއިން ރާމޯސް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އަލަވޭސްއަށް ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީ އަލަވޭސްއަށް ކާމިޔާބުކޮށްދިނީ ލޫކަސް ޕެރޭޒް އެވެ.މި މެޗުން ރެއާލް މޮޅުވީ 69 ވަނަ މިނެޓުގައި ޑެނިއަލް ކާވަހާލް ކާމިޔާބުކުރި ގޯލުންނެވެ.

މިރޭގެ މެޗުން މޮޅު ރެއާލުން ތާވަލުގެ އެއްވަނައަށް ޖެހިލިއިރު، މި މެޗުގައި އަނިޔާގެ ސަބަބުން އެޓީމުގެ ފޯވާޑް އެޑެން ހަޒާޑް ނުކުޅެއެވެ. މި މެޗުގައި ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑަށް ނުކުޅެވުނު ނަމަވެސް، ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ކުޅެން އޮތް އެލް ކްލޭސިކޯ މެޗަށް އޭނާ ފިޓްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރެއާލުން ވަނީ ބުނެފައެވެ.