އަންނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތް 2020 ގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އާއި ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަދި ޖަރުމަން އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.

ވަރުގަދަ ތިން ގައުމު ލައްވާލާފައިވަނީ މަރުގެ ގްރޫޕް ކަމަށްވާ ގްރޫޕް އެފް ގައެވެ. މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު ރޭ ރޫމޭނިއާގައި ބޭއްވިއިރު، 24 ގައުމުގެ ތެރެއިން މިހާތަނަށް 20 ގައުމު ވަނީ މުބާރާތަށް ކޮލިފައިވެފައެވެ. ބާކީ ހަތަރު ގައުމު ކޮލިފައިވާނީ އަންނަ އަހަރުގެ މާޗު މަހުގެ ފަހުކޮޅު އޮންނަ ޕްލޭއޮފް މެޗުތަކަށްފަހު އެވެ.

އަންނަ އަހަރުގެ މުބާރާތް މުޅިން އަލަށް ބާއްވާނީ ޔޫރަޕްގެ 12 ސިޓީއެއްގައެވެ.

ގްރޫޕް އޭ: ތުރުކީ، އިޓަލީ، ވޭލްސް އަދި ސްވިޒަލެންޑް

ގްރޫޕް ބީ: ޑެންމާކް، ފިންލެންޑް، ބެލްޖިއަމް އަދި ރަޝިއާ

ގްރޫޕް ސީ: ނެދަލެންޑްސް، ޔޫކްރޭން، އޮސްޓްރިއާ އަދި ޕްލޭއޮފް ޑީގެ ޗެމްޕިއަން ޓީމު

ގްރޫޕް ޑީ: އިންގްލެންޑް، ކްރޮއޭޝިއާ، ޗެކް ރިޕަބްލިކް އަދި ޕްލޭއޮފް ސީގެ ޗެމްޕިއަން ޓީމު

ގްރޫޕް އީ: ސްޕެއިން، ސްވިޑްން، ޕޮލެންޑް އަދި ޕްލޭއޮފް ބީގެ ޗެމްޕިއަން ޓީމު

ގްރޫޕް އެފް: ޕޯޗުގަލް، ފްރާންސް، ޖަރުމަން އަދި ޕްލޭއޮފް އޭގެ ޗެމްޕިއަން ޓީމު

ޔޫރޯ 2020 ގެ ބާކީ ހަތަރު ޖާގަ ހޯދަން ކުޅޭ ޕްލޭއޮފް ސެމީ ފައިނަލް މެޗުތައް އަންނަ އަހަރުގެ މާޗު މަހުގެ 26 ވަނަ ދުވަހު ކުޅޭއިރު، ހަތަރު ފައިނަލް މެޗު ކުޅޭނީ މާޗު މަހުގެ 31 ވަނަ ދުވަހު އެވެ.

އަންނަ އަހަރު ތަފާތު 12 ސިޓީއެއްގައި ޔޫރޯ މުބާރާތް ކުރިއަށްގެންދަން ޔޫއެފާއިން ނިންމީ ޔޫރޯ މުބާރާތް ބާއްވާތާ 60 އަހަރު އަހަރު ފުރޭ މުނާސަބާތް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުންނެވެ.

އަންނަ އަހަރުގެ މުބާރާތް ހުޅުވާ މެޗު އިޓަލީގެ ރޯމްގެ ސްޓާޑިއޯ އޮލިމްޕިކޯ ސްޓޭޑިއަމްގައި ކުޅޭއިރު، ސެމީ ފައިނަލް މެޗުތަކާއި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.