އުރީދޫ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ހުޅުމާލޭގައި "އުރީދޫ ކަލަރ ރަން" ކުލަގަދަ ގޮތެއްގައި ކުރިޔަށް ގެންގޮސްފި އެވެ.

އިއްޔެ ހަވީރު 4:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުން ފެށި މިދުވުން ނިންމާލީ އިރުއޮއްސި 6:00 އެހާއިރު އެވެ. އުރީދޫއިން ބުނީ މިއަހަރުގެ ދުވުމުގައި ގާތް ގަނޑަކަށް 5،000 ދުވުންތެރިން ބައިވެރިވި ކަމަށާއި އެގޮތުން ދުވުމުގައި ގިނަ އަދަދެއްގެ ޒުވާނުންގެ އިތުރުން ކުދި ބޮޑު މީހުން ދުވެފައިވާ ކަމަށެވެ.

މި ދުވުމުގައި ކޮމިޔުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އާއި ރައީސް އޮފީސް މިނިސްޓަރު އަހުމަދު ސަމީރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވަނީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އުރީދޫއިން ބުނީ އުރީދޫ ކަލަރ ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވައިދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ. ތަފާތު ހަރަކާތްތަކެއް ހިމެނުނު ފަސް ކިލޯމީޓަރުގެ ކުރު މިދުވުމަކީ އަލަށް ދުވާ މީހުންނާއި އާއްމުކޮށް ދުވާ މީހުންވެސް ބައިވެރިވި މަޖާ އިވެންޓެއް ކަަމަށްވެސް އުރީދޫއިން ބުނެއެވެ.

އުރީދޫ ކަލަރ ރަންގެ ތެރެއިން -- ވީފޮޓޯ: އަހުމަދު ޝުރާއު

އުރީދޫ ކަލަރ ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން ދުވާ ސަރަަހައްދުގައި ބަހައްޓާފައި ހުންނަ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަންޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނުވެތަ ނަށަމުންވެސް މި ދުވުމުގެ ބައިވެރިން ވަނީ، އެކަން ކޮށްފައެވެ. މި އިވެންޓުގައި މިއުޒިކްގެ ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

އަދި ކަލަރ ރަންގެ ކުރިން މިފަހަރުވެސް އުރީދޫގެ ގުޑި މަހާސަމާ އާއި މުޅިން އަލަށް ބޭއްވި މޫދު އުފާގެ އިތުރުން، ރޭ ވަނީ ކަލަރ ރަންގެ މިޔުޒިކް ފެސްޓިވަލެެއްވެސް ބާއްވާފައެވެ.