އިންޑިއާގެ ސަލާމަތަށް ހުރަސްއެޅޭ ނުވަތަ ގެއްލުންވާ އެއްވެސް ކަމެއް ނުކުރައްވާނޭ ކަމަށް ސްރީލަންކާގެ އައު ރައީސް ގޮޓަބާޔަ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ތިންދުވަހުގެ ރަސްމީ ދަތުރުފުޅުގައި، ހިންދުސްތާން ޓައިމްސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ގޮޓަބާޔާ ރާޖަޕަކްސަ ވިދާޅުވީ، މާޒީވެ ދިޔަ ދުވަސްތަކުގެ ކަންކަމާއި އޮޅުންބޮޅުންތައް ފަހަތަށް ދޫކޮށް ދެގައުމުންވެސް ދެން ވިސްނަންވީ ކުރިއަށް ދިއުމަށް ކަމަށެވެ.

ގޮޓަބާޔަ ރާޖަޕަކްސަ ވިދާޅުވީ، އިންޑިއާއާއެކު އޮންނަ ގުޅުން ވަރުގަދަ ކުރަން ހަގީގަތުގައިވެސް ބޭނުންފުޅުވާ ކަމަށެވެ.

"އިންޑިއާގެ ސަލާމަތަށް ހުރަސްއެޅޭ ކަމެއް ކުރަން އަޅުގަނޑުމެން ބޭނުމެއްނުވާ ވާހަކަ އެއީ އަޅުގަނޑު އަބަދުވެސް ބުނާއެއްޗެއް. އަދި އިންޑިއާ ކަންބޮޑުވާ ކަމެއް ކުރާކަށްވެސް އަޅުގަނޑުމެން އެއްގޮތަކަށްވެސް ބޭނުމެއްނޫން. ހަގީގަތުގައިވެސް ބޭނުމެއްނޫން"
ގޮޓަބާޔަ ރާޖަޕަކްސަ

ސްރީލަންކާގެ ރައީސް ވިދާޅުވީ، އޭނާގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގެ ދުވަސްވަރު، ސްރީލަންކާއާއި އިންޑިއާއާ ދެމެދު އޮޅުންބޮޅުން ބޮޑު ކަންތައްތަކެއް ހިނގާފައިވާ ކަމަށެވެ. އެހެން ނަމަވެސް، މިއީ، އެކަންކަން ފަހަށްލައި ދެގައުމު ކުރިއަށްދާންވީ ވަގުތު ކަމުގައި ވިދާޅުވިއެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ކުރެވުނު މަޝްވަރާތަކުން އެކަމަކީ ވެދާނެ ކަމެއްކަން އެނގިވަޑައިގެންނެވި ކަމަށާއި، މޯދީއަކީ ވަރަށް ޕްރެކްޓިކަލް ބޭފުޅެއް ކަމަށްވެސް ސްރީލަންކާގެ ރައީސް ވިދާޅުވިއެވެ.

ގޮޓަބާޔަ ރާޖަޕަކްސަ ވިދާޅުވީ، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި ހިނގާ އަރާރުންތަކުގެ ތެރެއަށް ނުވަދެ، ސްރީލަންކާ އޮންނާން ބޭނުންފުޅުވަނީ ވަކި ފަރާތަކަށް ނުޖެހޭ ގައުމެއްގެ ގޮތުގައި ކަމަށެވެ.

"އަޅުގަނޑުމެންގެ ގައުމު ކުޑަ. އެހެންކަމުން، މެދުގައި ތާށިވެފައި އޮންނާކަށް ބޭނުމެއްނޫން. އެހެން ކަންއޮތް ނަމަވެސް، އިންޑިއާ ކަނޑަކީ ވަރަށް މުހިންމު ސަރަހައްދެއް. އެ ކަނޑުގައި ސްރީލަންކާ އޮތީ ވަރަށް ނާޒުކު ތަނެއްގައި. އެއީ އިންޑިއާ ކަނޑުން ދަތުރުކުރާ އުޅަނދުފަހަރުގެ މުހިންމު މަގަކާ ކައިރި ތަނެއް. އަޅުގަނޑުމެން އަބަދުވެސް ބުނަމުންއައީ، އިންޑިއާ ކަނޑު ވާންޖެހޭނީ ސުލްހައިގެ ޒޯނަކަށް ކަމަށް. އެކަން އެގޮތުގައި ބޭއްވުމަށް އަޅުގަނޑުމެންނަށް ކުރެވެންއޮތް ކަމެއް ކުރާނަން"
ގޮޓަބާޔަ ރާޖަޕަކްސަ
ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ (ވ) އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދު (މ) އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ:

ގޮޓަބާޔަ ރާޖަޕަކްސަގެ އިންޑިއާ ދަތުރުފުޅަކީ ރައީސްކަމާ ހަވާލުވެވަޑައިގެން ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އޭނާ އިންޑިއާއަށް ވަޑައިގެންނެވީ ރައީސްކަމުގެ ހުވާ ކުރެއްވިތާ 12 ވަނައަށްވީ ދުވަހުއެވެ.

ސްރީލަންކާގެ ރައީސާއެކު ބޭއްވި ރަސްމީ މަޝްވަރާތަކުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވަނީ، ސްރީލަންކާގެ އިގްތިސާދު ރަނގަޅުކުރުމާއި، އުމްރާނީ ތަރައްގީއަށް 400 މިލިއަން އެމެރިކާ ޑޮލަރުގެ ކްރެޑިޓް ފެސިލިޓީޒް ދެއްވުމަށް ހުށަހަޅުއްވާފައެވެ. މީގެއިތުރުން، ސްރީލަންކާގެ ސަލާމަތީ ކަންތައްތަކާއި، ޖާސޫސީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އިތުރު 50 މިލިއަން ޑޮލަރުގެ ކްރެޑިޓް ދެއްވުމަށްވެސް މޯދީ ހުށަހެޅުއްވިއެވެ.

"ހުރިހާ ގޮތަކުންވެސް ވަރުގަދަ އަދި ފާގަތި ސްރީލަންކާއެއް އޮތުމަކީ ހަމައެކަނި އިންޑިއާގެ މަސްލަހަތެއްނޫން، އެކަމަކީ މުޅި އިންޑިއާ ކަނޑުގެ ސަރަހައްދަށްވެސް މުހިންމުކަމެއް"
އިންޑިއާގެ ބޮޑުވަޒީރު މޯދީ

އިންޑިއާއަކީ ސްރީލަންކާގެ ޒަމާންވީ އެކުވެރި ބައިވެރިއެއް ނަމަވެސް، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ގެންގުޅުއްވީ އިންޑިއާއާ ބީރަށްޓެހި ސިޔާސަތެކެވެ. ގާތްކުރެއްވީ ޗައިނާއެވެ. މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ޗައިނާއިންވަނީ ސްރީލަންކާގެ އުމްރާނީ ތަރައްގީއަށް ބޮޑެތި އެތައް މަޝްރޫއުތައް ހިންގައި، ބޮޑެތި އިންވެސްޓްމަންޓްތައްކޮށް، އެތައް ބިލިއަން އެމެރިކާގެ ޑޮލަރުގެ ލޯނުތައް ސްރީލަންކާއަށް ދީފައެވެ.