ސައުތު އޭޝިއަން ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލައިދޭނެ އެތްލީޓަކަށް އަންހެން ވޮލީބޯޅަ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ ހަމަޖައްސައިފިއެވެ.

ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ނޭޕާލްގެ ރަސްމީ ސްޓޭޑިއަމް ކަމަށްވާ ދާޝްރާތް ސްޓޭޑިއަމްގައެވެ. މި ގޭމްސްގައި ރާއްޖެއިން ޖުމްލަ 213 އެތްލީޓުން ބައިވެރިވެއެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގައި ދިދަ އުދުލައިދޭ އެތްލީޓަކަށް ހައްވާ ރާޝިދާ ހަމަޖެހުނުކަން ހާމަކޮށްފައިވަނީ މިއަދު ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިންނެވެ. އެގޮތުން އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގާއި ޗެފްޑި މިޝަން އިބްރާހިމް ނާހިދު ގެ އިތުރުން ސްޕޯޓްސް ކޮމިޝަނަރ ހީނާ މުހައްމަދު ސަލީމް ވަނީ ދިދަ ހަވާލުކުރުމުގައި ބައިވެރިވެވަޑައިގެންފައެވެ.

ހައްވާ ރާޝިދާއަށް ދިދަ ހަވާލުކުރުމާއެކު ޓީމުގެ ކުޅުންތެރިންނާއި ރާއްޖޭގެ ޑެލިގޭޓްގެ އިސްވެރިން - ފޮޓޯ: އެމްއޯސީ/ އަބްދުﷲ އަބީދު

ދިދައާއި ހަވާލުވުމަށްފަހު މީޑިއާތަކާއި ވާހަކަދައްކަމުން ހައްވާ ރާޝިދާ ބުނީ މިއީ ލިބުނު ބޮޑު ޝަރަފެއް ކަމަށާއި މިއީ ވޮލީ ކެރިއަރުގައި ވެސް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ވޮލީއިން ކުރިޔަށްދާން މިއީ ލިބުނު ބޮޑު ހިތްވަރެއް ކަމަށާއި ކާމިޔާބީގައި ޓީމުގެ ހުރިހާ ކުޅުންތެރިންގެ ހިއްސާ އޮތްކަމަށެވެ.

އެންމެފަހުން 2016 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ދިވެހި ދިދަ އުފުލައިދިން އެތްލީޓަކީ ފިރިހެން ވޮލީ ޓީމުގެ ކުޅުންތެރިޔާ މުހައްމަދު އިޝާން (ބަޓިސް) އެވެ. އަދި އެންމެފަހުން ބޭއްވި އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ދިވެހި ދިދަ އުފުލައިދިން އެތްލީޓަކީ ބާސްކެޓް ކުޅުންތެރިޔާ އަހުމަދު ޒަބީރު އެވެ.

ހައްވާ ރާޝިދާއަށް ދިދަ ހަވާލުކުރުމާއެކު ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: އެމްއޯސީ/ އަބްދުﷲ އަބީދު

މިފަހަރުގެ ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެ ހަވީރު ރާއްޖެގަޑިން 16:15 ގައެވެ. މިފަހަރުގެ ގޭމްސްގައި ސަރަހައްދުގެ 8 ގައުމު ވާދަކުރެއެވެ. ރާއްޖެއިން މިފަހަރުގެ ގޭމްސްގައި ބަައިވެރިވެފައިވަނީ 11 ކުޅިވަރުގައެވެ.