ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި އެއްވުމުގެ ތެރޭގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ބައެއް އިސް ފަރާތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމާއި ގުޅިގެން ޕްރޮގްރެސިވް ކޯލިޝަނުން އެކަން ކުށްވެރިކޮށްފިއެވެ.

އެ ކޯލިޝަނުން މިކަން ކުށްވެރިކޮށް ނެރިފައިވާ ބަޔާނުގައި ބުނެފައިވަނީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސް ފަރާތައް ސުލްހަވެރި އިހުތިޖާޖެއް ކުރަމުންދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުން ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ނައިބުރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއާއި އެކޯލިޝަންގެ ކައުންސިލް މެންބަރުގެ ގޮތުގައި ހިމެނޭ މުޙައްމަދު ލަތީފާއި، އިބްރާހިމް ފައިސަލްއާއި، އަބްދުއްﷲ މުޙައްމަދާއި، ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލު ހިމެނެއެވެ.

މި ފަރާތްތަކަށް ޗިޓު ދިނުމަށްފަހު ރޭގައި ދޫކޮށްލާފައިވާއިރު ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމްވެސް ރޭގައިވަނީ ދޫކޮށްލާފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ މާލޭގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން - ވީފޮޓޯ: އަހުމަދު ޝުރާއު

އެ ކޯލިޝަނުން ނެރިފައިވާ ބަޔާނުގައި ބުނެފައިވަނީ އެ ކޯލިޝަންގެ ޖޮއިންޓް ކައުންސިލުން ފާސްކޮށްފައިވާ ގަރާރާ އެއްގޮތްވާ ގޮތުގެމަތިން ރައީސް ޔާމިން ދޫކޮށްލަންދެން އަދި އެމަނިކުފާނަށް އިންސާފު ލިބެންދެން އިހުތިޖާޖުތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ރޭ މަގުތަކަށް ނުކުމެ އިހުތިޖާޖު ކުރަން އުޅުނު މީހުންގެ ތެރޭގައި، ޕީއެންސީގެ ރައީސް އަބްދުއްރަހީމްވެސް ހިމެނިވަޑައި ގަންނަވައެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ މިމަހުގެ 28 ވަނަ ދުވަހު، 5 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް ޕްރޮގްރެސިވް ކޯލިޝަނުން ގަބޫލު ނުކޮށް ބުނެފައިވަނީ، އެއީ ސިޔާސީ މަޤްސަދެއްގައި އިންސާފުން ބޭރުންކޮށްފައިވާ ހުކުމެއް ކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް ބާތިލްކޮށް، އެމަނިކުފާނު ވަގުތުން މިނިވަންކުރަން ޖެހޭނެ ކަމަށް އެމީހުން ދެކެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުވެ ކުރި ފަސް އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި ވަނީ އިސްތިއުނާފުވެސް ކޮށްފައެވެ.