ރަށް ރަށުގެ ސަރަހައްދު ކަނޑައެޅުމާއި ރަށް ރަށުގެ މުއްސަނދިކަން އެރަށްރަށަށް ލިބިދިނުމަށް ގޮވާލައި ހުށައަޅާފައިވާ ގަރާރުގެ ކޮމިޓީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސްކޮށްފިއެވެ.

މަޖިލީހުގެ ލަމަރުކަޒީ ކޮމިޓީން ބޭއްވި ބައްދަލުވުމުން ކޮމިޓީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސްވީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ފަސް މެމްބަރުންގެ އިއްތިފާގުންނެވެ.

ރަށް ރަށުގެ ސަރަހައްދު ކަނޑައެޅުމާއި ރަށްރަށުގެ މުއްސަނދިކަން އެރަށްރަށަށް ލިބިދިނުމަށް ގޮވާލާ ހުށައަޅާފައިވާ ގަރާރު މިހާރު އޮތްގޮތަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ހުށައެޅުއްވީ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރެވެ. އެހުށައެޅުމަށް ތާއީދުކުރެއްވީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަހުމަދު ފަލާހެވެ.

މިގަރާރަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގަނޫނަށް 8 އަހަރު ފުރިފައިވާއިރުވެސް އެގާނޫނުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވިފައި ނުވާތީ ހުށައެޅި ގަރާރެކެވެ. އަދި ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް ބެނުންކުރުމުގައި ހުރި ދަތިތައް ދެނެގަނެ، އެހުރަސްތައް ނައްތާލައި ކައުންސިލްތައް ބާރުވެރިކުރުވުމަށް ކުރިން ފާސްކޮށްފައިވާ ގާނޫނަށް އިސްލާހު ގެނައުމަށް ހުށައަޅާފައިވާ ގަރާރެކެވެ.

މިގަރާރު ފާސްވެއްޖެނަމަ ކައުންސިލުތަކަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެއެވެ. އެގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މިހާރުން މިހާރަށް ބަދަލުގެނެސް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ސަރަހައްދު ކަނޑައަޅާނެ ގޮތްވެސް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރަށް ކޮންމެ ރަށެއްގެ ސަރަހައްދުގައި ހިމެނޭ ފަޅާއި، ފަޅުރަށްތައް ފަދަ ތަންތަން ބޭނުންކޮށްގެން ލިބޭ އާމްދަނީ ނިސްބަތްވާނީ ރަށުކައުންސިލަށް ކަމަށް ކަނޑައަޅައި ކޮންމެ ރަށެއްގެ ސަރަހައްދީ އިހުތިޞާސްގެ ތެރޭގައި ހިމެނޭ މިފަދަ ތަންތަން ބޭނުންކޮށްގެން ލިބޭ އާމްދަނީ ރަށުގެ ރައްޔިތުންގެ އަސާސީ ބޭނުންތަކާއި، އުމްރާނީ ތަރައްގީއަށް ކުރަންޖެހޭ ކަންކަން ކުރުމުގައި އަމަލުކުރަންޖެހޭގޮތް ގާނޫނުގައި ބަޔާންކުރުމުގެ އިތުރަށް، ހަގީގީ މާނާގައި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް މިގަރާރުން ބާރުއަޅައެވެ.