އިންޒާރުގެ މަންޒަރުތައް ނުޖަހާ ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖޭގައި ވިއްކުމަކީ މިއަދުން ފެށިގެން ގާނޫނީ ކުށެކެވެ.

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދަށް މިއަދު އަމަލުކުރަން ފަށާފައިވާއިރު ރާއްޖޭގައި އުފައްދާ، ބަންދުކުރާ، އެތެރެކުރާ އަދި ރާއްޖޭގައި ވިއްކާ ދުންފަތާއި ދުންފަތް ހިމެނޭ ބާވަތްތައް ހުންނަންވާނީ ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާ ޑިޒައިނަށް ކުލަ ފޮޓޯ ޖަހާފައެވެ. މިނޫން ގޮތަކަށް މިއަދުން ފެށިގެން ދުންފަތުގެ ބާވަތްތައް ވިއްކާނަމަ ފިޔަވަޅު އަޅާނެއެވެ.

މިގޮތުން ޕެކެޓްގެ ބޭރުގައި މައިގަނޑު ދެފަރާތުގައި އެ މިނިސްޓްރީން އާންމުކޮށްފައިވާ ސިއްހަތުގެ އިންޒާރު ހުންނަން ޖެހޭނެކަމަށް ކަނޑައަޅާފައި ވާއިރު ސިއްހަތުގެ އިންޒާރާ ނުލާ، ދެން ހުންނަ ބައިގައި ހުންނަ ލިޔުންތަކާއި މަންޒަރުތަކުގައި މީހުންނަށް އޮޅޭގޮތަށް ސިއްހީ ގޮތުން ފައިދާތަކެއް ކޮށްފާނެފަދަ ނުވަތަ މީހުން އެއަށް ހެއްލޭކަހަލަ ގޮތަކަށް ލިޔުން ނޫނީ މަންޒަރު ޖެހުން ވަނީ މަނާކޮށްފައެވެ.

މިގަވާއިދުގެ ދަށުން، ބޮޑު އަދަދުތަކުން ޖޫރިމަނާކުރާއިރު ޤަވާއިދާ ޚިލާފަށް ވިއްކި ދުންފަތުގެ ބާވަތުގެ އަގާއި އޭގެ ޓެކްސް ފައިސާއާއި އެހެނިހެން ފީތަކުގެ ޖުމްލަ ޢަދަދުގެ 10 ގުނައިން ޖޫރިމަނާ ކުރާނެއެވެ. ދެވަނަ ފަހަރަށްނަމަ މީގެ 10 ގުނައިގެ އިތުރުން 5000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި 3 ވަނަ ފަހަރުނަމަ ފީތަކުގެ ދިހަގުނައިގެ އިތުރުން 10000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށް ގަވާއިދުގައި ބުނާއިރު 4 ވަނަ ފަހަރުނަމަ ފީތަކުގެ ޖޫރިމަނާގެ ދިހަގުނައިގެ އިތުރުން 20000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި ކުށް ތަކުރާރުކުރާ 5 ވަނަ ފަހަރުނަމަ ޤާނޫނުގައި ޖޫރިމަނާ ކުރެވޭނެ އެންމެ މަތީ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށްވެސް މިޤަވާއިދުގައި ބުނެފައިވެއެވެ.

މި ޤަވާއިދުގެ ދަށުން ދުންފަތުގެ ބާވަތްތައް ބަންދުކުރެވޭ އެންމެ މަދު މިންވަރުގެ ގޮތުގައި ކަނޑައަޅާފައިވަނީ ދުންފަތުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ސިނގިރޭޓުން ޕެކެޓްކުރެވޭނީ އެންމެ މަދުވެގެން 20 ސިނގިރޭޓު އަދި ބިޑިނަމަ މަދުވެގެން 50 ބިޑިކަމަށް ބަޔާންކޮށްފައިވެއެވެ. ޕެކެޓްކުރާއިރު ދުންފަތުގެ އެހެންބާވަތެއް ކަމުގައިވާނަމަ މަދުވެގެން 30 ގުރާމު ހުންނަންވާނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކުރެއެވެ.

މިއީ ދުންފަތުގެ އިސްތިއުމާލުކުރުމާ މީހުން ދުރަށް ދިއުމަށް ބާރުއެޅުމަށާއި ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތައް މަދުކުރުމާއެކު ދުންފަތުގެ އިސްތިއުމާލުކުރަން އަލަށް ފަށާ ފަރާތްތައް މަދުކުރުމާއި އަދި ދުންފަތުގެ އިސްތިއުމާލުކުރުމުން ލިބޭ ގެއްލުންތަކާއި މިކަމުގެ ސަބަބުން ޖެހޭ ބޮޑެތި ބަލިތަކުން މީހުން ރައްކާތެރިކުުރުމުގެ މަގްސަދުގައި ހަދާފައިވާ ގަވާއިދެއްކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފާހަގަކުރެއެވެ.

ރާއްޖެ ފާހަގަވެފައިވަނީ މުޅި އޭޝިއާ ސަރަހައްދުންވެސް އެންމެ ގިނައިން ސިނގިރޭޓް ބޯ މީހުން އުޅޭ ތަނެއްގެ ގޮތުގައިއެވެ.