ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލު ހުކުމް ތަންފީޒު ކުރަން މިހާރު ބަހައްޓާފައިހުރީ މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޔޫ) ގައި ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ހުކުމްކުރީ ނޮވެމްބަރު 28 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު މާލޭ ޖަލަށް ގެންދިޔުމަށްފަހު ހަދަންޖެހޭ މެޑިކަލް ޓެސްޓުތަކާއި އެހެނިހެން އެސެސްމަންޓްތައް ފުރިހަމަކުރުމަށްފަހު މާފުށި ޖަލަށް ބަދަލުކުރީ ހޮނިހިރު ދުވަހުއެވެ.

މާލެ ޖަލުގައި ހުންނެވި ގޮޅިއަކީ ސިއްހީ އެތައް މައްސަލަތަކެއް ހުރި ގޮޅިއެއްކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ. އަދި ރައީސް ޔާމީނަށް އަނިޔާ ލިބިވަޑައިގަންނަވާކަމަށް ބުނެ ހިޔުމަން ރައިޓްސް ކޮމިޝަނަށް މައްސަލަ ހުށައެޅުމާއެކު އެޗްއާރުސީއެމްގެ ތިން ބޭފުޅަކު ޖަލަށް ޒިޔާރަތްކުރުމުގެ ހުއްދަވެސް ކަރެކްޝަންސުން ދިނެވެ.

ރައީސް ޔާމީން މިހާރު ހުންނެވި މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ ފޮޓޯއެއް:

މާފުށީ ޖަލުގައި ހުންނަ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަކީ، ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ އިސް ބޭފުޅުން ބައިތިއްބަން ހާއްސަކޮށް ހެދި ތަނެކެވެ.

އެގޮތުން ރައީސް މުހައްމަދު ނަޝީދާއި ރައީސް ޔާމީންގެ ބޭބޭފުޅު، ރައީސް މައުމޫން އަބްދުލްގައްޔޫމާއި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމްވެސް އެ ޔުނިޓްގައި ބައިތިއްބާފައި ވެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު، ސްޕެޝަން ޕްރޮޓެކްޝަން ޔުނިޓް ބައްލަވާލައްވަން ރާއްޖެއިން ބޭރުން ވަޑައިގެންނެވި ބޭފުޅުންވެސް ވަނީ އެއީ، ވަރަށް ފެންވަރުމަތީ ތަނެއްކަމަށް ވިދާޅުވެފައެވެ.