އިސްރާއީލުގެ އުދުވާނީ ސިފައިން އަނެއްކާވެސް ބަޑިޖަހައި ފަލަސްތީނުގެ ޒުވާނަކު ޝަހީދު ކޮށްލައިފިއެވެ.
އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދު ކޮށްލާފައިވަނީ އުމުރުން 18 އަހަރުގެ ބަދަވީ މަސަލްމާ ނަމަކަށްކިޔާ ޒުވާނެއް ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
އެ ޒުވާނާގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލުމަށްފަހު އިސްރާއީލު ސިފައިން އޭނާގެ ހަށިގަނޑުވެސް ގެންގޮސްފައިވާ ކަމަށް ފަލަސްތީނުން ބުނެއެވެ.
އިސްރާއީލު ސިފައިން މި ޒުވާނާގެ ގަޔަށް ބަޑިޖަހާފައިވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ ހަބްރޫންގައެވެ.
އިސްރާއީލު ސިފައިން ފަހުން ބުނެފައިވަނީ، ހަބްރޫންގައި ތިންމީހަކު އިސްރާއީލުގެ ވެހިކަލަކަށް ޕެޓްރޯލް ބޮން އުކަންއުޅެނިކޮށް ސިފައިން ބަޑިޖަހާފައިވާ ކަމަށެވެ.
ފަލަސްތީނުގެ މީޑިއާއިން ބުނެފައިވަނީ، ތިން ޒުވާނަކު ވެހިކަލަށް ހަމަލާދިނީ ހަބްރޫންގައި ގަވާއިދާ ޚިލާފަށް ހަދާފައިވާ ޔަހޫދީ އާބާދީއެއްގެ ދޮރުމަތިން ކަމަށެވެ.
ފަލަސްތީނު ތިން ޒުވާނުންގެ ގަޔަށް ބަޑިޖަހައި އެކަކު ޝަހީދުކޮށްލުމަށްފަހު އިސްރާއީލު ސިފައިންވަނީ އަނެއް ދެ ޒުވާނުން ވަނީ ހައްޔަރުކޮށްފައެވެ.
ފަލަސްތީނުގެ ކުއްލި އެހީދޭ މީހުން އެތަނާ ގާތްވިޔަވެސް އިސްރާއީލު ސިފައިން ނުދިންކަމަށް ރިޕޯޓްތައް ބުނެއެވެ.
ހުޅަނގު އައްސޭރީގައި މިހާދިސާ މި ހިނގީ، އިސްރާއީލުން މިހާރުވެސް ގަދަބާރުން ހިފައިގެންއުޅޭ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ޔަހޫދީން ވަޒަންވެރިކުރަން ހަދާފައިވާ އަދި ހަދަމުންދާ އާބާދީތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފް އާބާދީތަކެއް ކަމަށް އެމެރިކާއިން މިހާރު ނުދެކޭކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ނިންމި މައްސަލާގައި ހުޅަނގު އައްސޭރީގައި ވަރަށް ވަރުގަދަ އިހުތިޖާޖުތަކެއް ކޮށްފައި ވަނިކޮށެވެ.
އެމެރިކާއިން އެގޮތަށް ނިންމި ނަމަވެސް، ޔަހޫދީ އާބާދީތަކަކީ ޣައިރުގާނޫނީ ތަންތަން ކަމަށް ބައިނަލްއަގްވާމީ ގާނޫނުތައް ބުނެއެވެ. އެ އާބާދީތައް އދއިންވެސް އަދި ދުނިޔޭގެ ގައުމަކުވެސް ގަބޫލެއް ނުކުރެއެވެ.
ޔަހޫދީންގެ ނުފޫޒުން ޓްރަމްޕް އެ ނިންމުން ނިންމެވީވެސް ސާޅީސް އަހަރު ވަންދެން އެ އަބާދީތައް އެމެރިކާއިންވެސް ގަބޫލުކުރަން ދެކޮޅުހަދާފައި ވަނިކޮށެވެ.
މެދުއިރުމަތީގެ މައްސަލައަށް އޮތް ހައްލަކީ ދެ ދައުލަތުގެ ހައްލުކަމަށް ފަލަސްތީނާއި ދުނިޔެވެސް ގަބޫލުކުރާއިރު، ސުލްހައަށް އެޅިފައިވާ އެންމެބޮޑު ހުރަހަކީވެސް ގަވާއިދާ ޚިލާފަށް އިސްރާއީލުން ހަދަމުންދާ ޔަހޫދީ އާބާދީތަކެވެ.
އިރުމަތީ ގުދުސްއާއެކު އިސްރާއީލުން ހުޅަނގު އައްސޭރި ހިފާފައިވަނީ 1967 އަހަރުއެވެ. ހުޅަނގު އައްސޭރި ހިފުމަށްފަހު އިސްރާއީލުން ވަރަށް އަވަސް އަރުވާލައިގެން ޔަހޫދީ އާބާދީތައް ހަދަން ފަށާފައި ވެއެވެ.
ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ތިން މިލިއަން މީހުން ދިރިއުޅޭއިރު، އެމީހުންގެ ތެރޭގައި ދެ ސަރަހައްދެއްގައި އިސްރާއީލުން 700،000 ޔަހޫދީން ވަޒަންވެރި ކޮށްފައި ވެއެވެ.