ކައިވެނީގެ ބޭރުން ބަނޑުބޮޑުވުމަށްފަހު ވިހެއި ކުޑަ ކުއްޖާއަށް ބޭނުންވާ ސައިކޮލޮޖިކަލް ސަޕޯޓް އަންނަނީ ފޯރުކޮށްދެމުން ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

މިދިޔަ ނޮވެމްބަރު މަހު ފެންމަތިވި ހަރުކަށި ފިކުރުތަކާ ގުޅުންހުރި ދެމައްސަލައަކާ ބެހޭ މައުލޫމާތު ހިއްސާކުރައްވަމުން ހެޑް އޮފް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް ހަސަން ހަނީފް ވިދާޅުވީ، ހަރުކަށި ފިކުރަށް ތަބާވާ އާއިލާއަކުން އެއާއިލާގެ ކުދިންނަށް ލިބެންޖެހޭ އަސާސީ ހައްގުތަކުން މަހްރޫމުކޮށް، އަދި އެއާއިލާގެ ކުޑަކުއްޖަކު ބަލިވެ އިނދެ ވިހާފައިވާ މައްސަލަ ބަލަމުންދާ ކަމަށެވެ.

މިމައްސަލަތަކުގައި ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މިހާތަނަށް ބައެއް ފިޔަވަޅުތައް އަޅާފައިވާނެކަމަށް ހަނީފް ވިދާޅުވިއެވެ. އެގޮތުން އެކުދިންނަށް ބޭނުންވާ ސައިކޮލޮޖިކަލް ސަޕޯޓް ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި އެކުދިން ސްކޫލަށް ފޮނުވުމާއި އެކުދިންނަށް ދޭންޖެހޭ ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ކައިވެނީގެ ބޭރުން އެކުއްޖާ ބަނޑުބޮޑުވި މައްސަލަ އާއްމު ފަރާތަކުން މިއަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ރިޕޯޓްކޮށްފައި ވާކަމަށް ހަނީފް ވިދާޅުވިއެވެ. އަދި ކުޑަކުއްޖަކާ މެދު ގަދަކަމުން ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ގޮތުގައި މިމައްސަލަ ބަލުމުންދާ ކަމަށާއި، މިމައްސަލައަށް ބޭނުންވާ ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާކަމަށް ހަނީފް ވިދާޅުވިއެވެ.

މިމައްސަލައާ ގުޅޭގޮތުން މީގެކުރިން މައުލޫމާތު ލިބިފައިވިޔަސް އެމައުލޫމާތު ތަކަކީ ޕްރޮސެކިއުޓް ކުރުމަށް އެންމެ އެކަށީގެންވާ މިންވަރެއް ނޫންކަމަށް ހަނީފް ވިދާޅުވިއެވެ.

މީގެ އެއް އަހަރު ކުރިން މައްސަލަ ލިބުމާއެކު ބެލީ ކުއްޖާއަށް ޕްރޮޓެކްޝަން އޭންގަލްއަކުން ކުރެވެން ހުރީ ކޮން ކަމެއްތޯ ބަލައި އެއަށް ފޯކަސް ކުރީ. ކުއްޖާގެ މަންމަ ދިޔައީ ހަކުދިންގެ ކަންކަން ބެލުމުގެ މަސައްކަތް ކުރަމުން. އެހެންވެ، އޭރު ކުރެވުނު މަސައްކަތްތަކަށް ބަލައި އޭރު އެކުއްޖާއަށް އެންމެ ރަނގަޅީ މަންމަ ކައިރީގައި ހުރުންކަމަށް ގަބޫލުކުރެވުނު. އަދި އެކުއްޖާ އެކި ފަހަރުމަތިން ފިލާފައިވާކަންވެސް ފާހަގަކޮށްލަން"
ހެޑް އޮފް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް ހަސަން ހަނީފް

މިމައްސަލައިގަ ތުހުމަތުކުރެވޭ ރ. މަޑުއްވަރީ ފެހިއަލިގޭ އިސްމާއިލް ހައްމާދު ވަނީ 30 ނޮވެމްބަރު 2019 ވަނަ ދުވަހުގެރޭ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށްވެސް ހެޑް އޮފް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް ހަސަން ހަނީފް ވިދާޅުވިއެވެ. ހައްމާދަކީ މީގެ ކުރިންވެސް ޓެރަރިޒްމްގެ ކުށް ސާބިތުވެ ހުކުމް ތަންފީޒުކޮށްފައިވާ މީހެއްކަމަށް ހަނީފް ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން 14 ފަރާތަކާ ވާނީ ސުވާލުކޮށްފައި. މިހާރު ކުރިއަށްދަނީ ފޮރެންސިކް ހެކިތައް ވެރިފައި ކުރުމުގެ މަސައްކަތް. އެގޮތުން ވިހާފައިވާ ތުއްތު ކުއްޖާގެ ޑީއެންއޭ އާއި ހައްމާދުގެ ޑީއެންއޭއާ ވަނީ ދިމާވެފަ"
ހެޑް އޮފް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް ހަސަން ހަނީފް

މިކުއްޖާ ވަނީ މީގެކުރިންވެސް ކައިވެނިކޮށް ބަނޑުބޮޑުވެފައި ކަމަށް ދެކެވުނު ވާހަކަތަކުގެ ހަގީގަތަކީ ކޮބައިތޯ ބެލުމަށް ވީނިއުސްއިން ކުރި ސުވާލަށް ޖަވާބުދެއްވަމުން ހަނީފް ވިދާޅުވީ، އެފަދަ މައުލޫމާތުތައް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް އެއީ ތެދެއްކަން ތަހުގީގަށް ސާބިތުވެފައި ނުވާ ކަމަށާއި އެމައުލޫމާތުތަކުގެ ސައްހަކަން ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ހަރުކަށި ފިކުރަށް ތަބާވާ މީހުން އުޅެމުންދާ ކަމަށާއި އެފަދަ މީހުންކުރާ މަސައްކަތަކީ ކަންނެލި ދޯނި ދުއްވުމާއި ތަރުކާރީ އާއި ފޮތި ފިހާރަތައް ހިންގުންކަމަށް މީގެކުރިންވެސް އެކި ފަރާތްތަކުން ޚާއްސަކޮށް ރިޔާސީ ކޮމިޝަނުން ވަނީ ހާމަކޮށްފަައެވެ. މިފަދަ މައްސަލަތައް ފުލުހުން ބަލަމުންދާ ކަމަށާއި، ނަމަވެސް ބަލަމުންދަނީ ސީދާ ކިތައް މައްސަލަކަމެއް ފުލުހުން ހާމަކޮށްފައެެއް ނުވެއެވެ.