"ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ޙާލަތު" ދެނެގަތުމަށްޓަކައި، މާދަމާއިން ފެށިގެން ގޭގެއަށް ޒިޔާރަތް ކުރުމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ނިންމައިފިއެވެ.

"ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓު ދިނުމުގައި ބޭއިންސާފުން ޢަމަލުކޮށްފައިވާތީ، އެކަން ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލި ކޮމިޓީގެ ފަރާތުން މިހާތަނަށް ޖުމްލަ 25,244 ފޯމާއި އެ ފޯމުތަކާއެކު ހުށަހެޅިފައިވާ ލިޔެކިޔުންތައް ތަރުތީބުކޮށް، ކެޓަގަރީތައް ވަކިކުރުމަށްފަހު އެ ލިޔެކިޔުންތަކާ ޙަވާލުވުމަށް ދިގު މުއްދަތެއް ކޮމިޓީން ހޭދަކުރަންޖެހުނުކަމަށް އެ ކޮމިޓީން ބުނެއެވެ.

އެ ކޮމިޓީއިން ލިޔެކިޔުންތަކާ ހަވާލުވިއިރު، އެ ލިޔެކިޔުންތައް ބެހެއްޓިފައިހުރީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގެ އެކި ގުދަންތަކުގައި އެކިއެކި ހާލަތްތަކުގައިކަން ފާހަގަކޮށްފައި ވާއިރު ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން މިހާރު ކުރިއަށްގެންދަނީ މި މަޝްރޫޢުއަށް ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތްތަކެވެ.

މި މަޝްރޫއަށް ފޯމު ހުށަހެޅި ފަރާތްތަކަށް ފްލެޓު ލިބޭނެކަމުގެ ލިޔުން ނިމިދިޔަ ސަރުކާރުން ހަވާލުކޮށްފައިވަނީ "ދިރިއުޅުމުގެ ޙާލަތު" މި ބަޔަށް ރިޢާޔަތްކުރުމެއް ނެތި ކަމަށްވެސް އެ ކޮމިޓީން ބުނެއެވެ.

"ހިޔާ މަޝްރޫޢު" ގެ ގިނަ ކެޓަގަރީތަކުގައި "ދިރިއުޅުމުގެ ޙާލަތު"، ބަޔަށް ޕޮއިންޓް ދިނުމަށް ނިންމާފައި ވީނަމަވެސް، މިބަޔަށް ޕޮއިންޓް ދިނުމުގައި ބަލާފައިވަނީ ކޮން ކަންތައްތަކަށް ކަމެއް ނުވަތަ ޕޮއިންޓް ދިނުމުގައި ގެންގުޅެފައިވަނީ ކޮން މިންގަނޑެއްކަމެއް، ކޮމިޓީން މިހާތަނަށް ބެލި ބެލުމުން އެނގެން ނެތްކަމަށާއި އަދި ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް މީގެކުރިން ގޭގެއަށް ޒިޔާރަތްކޮށްފައި ނުވާކަންވެސް އެ ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.

އެންމެ އިންސާފުވެރި އަދި ހަމަހަމަކަމާއެކު "ދިރިއުޅުމުގެ ހާލަތު" ބަޔަށް ޕޮއިންޓް ދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނީ، ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްގެން ކަމަށް ކޮމިޓީން މިހާރުވަނީ ނިންމާފައެވެ.

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ދިރިއުޅުމުގެ ހާލަތު ބެލުމަށް އެކުލަވާލާފައިވާ ޓީމުތައް ގޭގެއަށް ޒިޔާރަތް ކުރުމުގައި ޢަމަލު ކުރާނެ ގޮތަށް ބަލާއިރު ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން، 3010718 މި ނަންބަރުން، ފޯމު ހުށަހަޅާފައިވާ ފަރާތަށް ގުޅުމަށްފަހު، ދާނެ ދުވަހަކާއި ގަޑިއެއް އަންގާނެ ކަމަށާއި ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް ގޭގެއަށް ޒިޔާރަތްކުރާނީ 02 (ދޭއް) މީހުންގެ މައްޗަށް އެކުލެވޭ ޓީމަކުން ކަމަށް އެ ކޮމިޓީން ބުނެއެވެ.

އަދި ހާލަތު ދެނެގަންނަ ޓީމުގައި ހިމެނޭ ފަރާތްތަކުގެ އަތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތައްގަނޑު ޖަހާފައިވާ އައިޑެންޓިފިކޭޝަން ކާޑެއް އޮންނާނެ ކަމަށާއި ޙާލަތު ދެނެގަންނަ ޓީމުތަކުން ގޭގެއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވަނީ ހެދުނު 10:00 އާއި ހަވީރު 18:00 ދެމެދުގެ ވަގުތެއްގައި ކަމަށްވެސް އެކޮމިޓީން ބުނެއެވެ.

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ބުނީ "ހިޔާ މަޝްރޫޢު" އަށް ހުށަހަޅާފައިވާ ފޯމްތައް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން އެސެސްކުރަމުންދަނީ، އަދި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކޮންމެ ކެޓަގަރީއަކަށްވެސް އެންމެ ފަހުން ގެޒެޓްކޮށްފައިވާ ޝަރުތުތަކާއި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލުތައް އަސްލަކަށް ބަލައިގެންނެވެ.

"ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ޙާލަތު" ދެނެގަތުމުގައި ބަލާނީ ފޯމު ހުށަހެޅި ފަރާތުގެ އާމްދަނީއާއި ގެއަށް ލިބޭ އާމްދަނީ، ދިރިއުޅޭ ތަނުގެ ހާލަތެވެ. މީގެއިތުރުން ބައެއް ކެޓަގަރީތަކުގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އިތުރު ކަންކަމަށް ބެލެވިގެންދާނެ ކަމަށްވެސް އެ ކޮމިޓީން ބުނެއެވެ.